Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

'ހަށިހެޔޮ ރާއްޖެ' ޒޯން 6 ގައި ފަށައިފި

ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމުގެ މަގުސަދުގައި ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންދާ "ހަށިހެޔޮ ރާއްޖެ" ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ޒޯން ހައެއްގައި ފަށައިފި އެވެ.

ތިނަދޫގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވަނީ ދެކުނު ހަތަރު ޒޯން ކަމަށްވާ ގދ، ގއ، ފުވައްމުލައް އަދި އައްޑޫގެ ސްޕޯޓްސް ކައުންސިލަރުންނާއި ޔޫތު އެސޯސިއޭޓުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރަށް ރަށުގައި ކުޅިވަރު ޕްރޮގްރާމްތަކާއި، ހަށިހެޔޮ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، ޕްރޮގްރާމްތައް ބައްޓަންކުރާނެ ގޮތުގެ އިތުރުން، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވޭނެކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ.

ތިއަރީ ކްލާސްތަކާއި ފިޒިކަލް ތަމްރީންތައް ހިމެނޭ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރަށްރަށުގައި އެކި އުމުރު ފުރައިގެ މީހުންނަށް ފިޓްނަސް ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ހަރަކާތްތައް ގެންދާނެ އެންމެ ރަނގަޅު ގޮތްތައް އަންގައިދީ އުނގަންނައި ދެވޭނެ އެވެ.

"ހަށިހެޔޮ ރާއްޖެ" ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފަސް ޒޯނެއްގައި ވަނީ ނިންމާލައިފަ އެވެ. އެގޮތުން ޒޯން އެކެއްގެ ރަށްތަކަށް އާމާޒުކޮށް ހިންގި ތަމްރީންތައް ކުރިއަށްގެންދިޔައީ ކުޅުދުއްފުށީގަ އެވެ. ޒޯން ދޭއްގެ ތަމްރީންތައް ޅ. ހިންނަވަރުގައި ކުރިއަށްދިޔަ އިރު، ޒޯން ތިނެއް ކުރިއަށް ގެންދިޔައީ މާލޭގަ އެވެ.

ޒޯން ހަތަރެއްގެ ރަށްތަކަށް އާމާޒުކޮށް ދ. ކުޑަހުވަދޫގައި ތަމްރީންތައް ކުރިއަށްގެންދިޔަ އިރު، ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ޒޯން ފަހެއްގެ ތަމްރީންތައް ކުރިއަށްގެން ދިޔައީ ލ. ފޮނަދޫގަ އެވެ.

ތިނަދޫގައި މިހާރު ކުރިއަށްދާ ޒޯން 6 ގެ ތަމްރީންތައް ނިމޭނީ މި މަހުގެ 26 ގަ އެވެ.