Last Updated: February 5, 20:03
Wednesday, February 5, 2025
ޚަބަރު

ޑިޒާސްޓަ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ފާސްކޮށްފި

"މޯލްޑިވްސް ޑިޒާސްޓަ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" މިއަދު ފާސްކޮށްފި އެވެ.

ރައީސް ޑރ،. މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ކައުންސިލްގެ ބައްދަލުކު ރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

މިއަދު ފާސްކުރިސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ.

މި ސްޓްރެޓަޖީ ތަސްދީޤުކުރުމުގެ ސަބަބުން ޤުދުރަތީ ކާރިޘާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި މިފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓަ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމެވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރު ކުރެވިދާނެތީ އެވެ.

ޑިޒާސްޓަ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާލުމަ 2030 އަންނަން ވާއި އިރަށް ޤައުމުތަކުގައި ޑިޒާސްޓަ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯރކް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ 7 ލަނޑުދަނޑި ތަކުގެ ތެރެއިން ލަނޑުދަނޑި 5 ގައި ހިމަނައިފައިވާ ކަމެކެވެ.

ޑިޒާސްޓަ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯރކް ފާސްކޮށްފައި ވަނީ މާޗު 18، 2015 ގައި ޖަޕާނުގެ ސެންޑައިގައި ބޭއްވި އ.ދ. ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ.

ރާއްޖެއަކީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެންހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ޤައުމުތަކުގެތެރެއިން ޤައުމެއްކަމުން މިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެގޮތުން މި ސްޓްރެޓެޖީގެ އެއް އެނެކްސް ހާއްސަކުރެވިފައި ވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވާކްގެ ދަށުން މި ހެދުނު ޑީއާރްއާރް ސްޓްރެޓެޖީ ގުޅުވައިގެން ދިވެހިރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.