Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ދެވަނަ ހައްޖަކަށް ފުރުސަތު ދިނުމާ ގުޅޭ މުހިއްމު ސުވާލެއް!

ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ވަކި މުއްދަތެއްގެ ފަހުން ދިނުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުންމަށް މުހިއްމު ސުވާލެއް ދޫކޮށްލައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ ފަރުޟު ޙައްޖު އަދާކޮށްފައި ތިބޭ ފަރާތްތަކަށް ދެވަނަ ހައްޖެއް ކުރެވޭނީ ހައްޖުކުރާތާ 5 އަހަރު ފަހުން ކަމަށް ބައެއް ގައުމުތަކުގައި އުސޫލުތައް ހަދާފައި ހުންނަ ކަމަށެވެ.

އަދި މިއީ ހައްޖު ކުރަން އެދޭ ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"މިފަދަ ކަމެއް ރާއްޖޭގައި ކުރުމާ މެދު ތިޔަ ބޭފުޅުންގެ ޚިޔާލުފުޅަކީ ކޮބައިތޯ؟" މިނިސްޓަރު އައްސަވާފައިވެ އެވެ.

ރާއްޖެ އަކީ ހައްޖު ކޯޓާ ވަރަށް މަދުން ލިބޭ ގައުމެކެވެ. މި އަހަރު ވެސް ރާއްޖެ ލިބުނީ 1،000 ކޯޓާ އެވެ.

ނަމަވެސް ކޮންމެ އަހަރަކު ބެސް ހައްޖަށް ދާން އެތައް ބަޔަކު ބޭނުންވެ، ވެއިޓް ލިސްޓްގައި ތިބެން ޖެހެ އެވެ. އެގޮތުން ފައިސާ ދައްކާފައި، ގިނަ ދުވަސްތަކެއް ވަންދެން ވެސް ފުރތުސަތު ނުލިބި ވެސް މަޑުކުރަން ޖެހެ އެވެ.

އެހެންވެ ތަކުރާރު ހައްޖަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ވަކި މުއްދަތެއްގެ ފަހުން އެފަދަ ފަރާތްތަކަށް ފުރުސަތު ދިނުމަކީ ގިނަ ބަޔަކަށް އަލަށް ހައްޖުވުމަށް މަގުފަހިވާނެ ކަމެކެވެ. މިފަދަ ގޮތަކަށް ރާއްޖޭގައި އަމަލު ކުރުމާ މެދު އާންމުންގެ ހިޔާލަށް މިނިސްޓަރު ހުޅުވައިލި އިރު، ދާދ ފަހުން ބޭއްވި ހައްޖާއި އުމްރާ ކޮންފަރެންސްގައި ވެސް ޝަހީމް ވަނީ ވީހާ ވެސް ގިނަ ބަޔަކަށް ހައްޖާއި އުމްރާވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި އެކަމަށް ނަގާ އަގުތައް ކުޑަކޮށް ދޭން ވެސް ހައްޖާއި އުމްރާ ކުންފުނިތަކަށް ގޮވާލައްވައިފަ އެވެ.