އައްޑޫ ސިޓީ 2-0 އިން ބަލިކޮށް ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ބ. އޭދަފުށި ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި މިރޭ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަަމަ ހާފުގައި އޭދަފުށިން ރަނގަޅު ކުޅުމެއް ދައްކައި އައްޑޫގެ ފަހަތަށް ދިޔައީ ކައިކައިރީގައި ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންދިޔައީ ވެސް މި ހާފުގައި ކަމަށްވާއިރު، މި ގޯލު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) ކޯނަރަކުން އައްޑޫގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ފާއްޓޭ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އައްޑޫން ކުޅުނުއިރު، މި ހާފުގައި ނަތީޖާ އެއްވަރުކޮށްލަން ވެސް އައްޑު އަށް ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު، އިސްމާއީލް އީސާ (މެސީ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) ފޮނުވާލި ހަމަލާތައް ދިފާއުކުރީ އޭދަފުށީގެ ޑިފެންޑަރުންނެވެ.
ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން އައްޑު އަށް ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ އަލީ ފާސިރު (ސެންޓޭ) އޭދަފުށީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނުމެވެ. ސެންޓޭ މި ގޯލު ކާމިޔާބު ކުރީ އައްޑުގެ އޭރިއާ ތެރެއަށް ވަދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އޭދަފުށި ޓީމުގައި ފުރަތަމަ ޑިވިޝަން އަދި ގައުމީ ޓީމަށް ވެސް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އައްޑު އިން މިފަހަރުގެ މުބާރާތަށް ނެރެފައިވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށްވާއިރު، މި މުބާރާތުގެ ފައިނަލާއި ހިސާބަށް އައްޑު ދަތުރުކުރީ މެޗަކުން ބަލި ނުވެ އެވެ.
ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.