Last Updated: December 27, 05:44
Friday, December 27, 2024
ޚަބަރު

އައްޑޫ ޓީމު އެންމެ ބެސްޓް ދިން، ނަސީބު ނެތީ

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލްގައި އައްޑޫ ސިޓީ ޓީމުން އެންމެ ބެސްޓް ދިން ކަމަށާއި ނަމަވެސް ނަސީބު ނެތީ ކަމަށް ޓީމުގެ ކެޕްޓަން ޝަމްވީލް ގާސިމް (ބޮންޑާ) ބުނެފި އެވެ.

ފައިނަލްގައި 2-0 އިން އައްޑޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށި އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ތަޖުރިބާކާރު މިޑްފީލްޑަރު ބޮންޑާ ބުނީ އޭދަފުށި ޓީމަކީ މޮޅު ޓީމެއް ކަމަށާއި ދަނޑުމަތިން މިރޭ ހުރިހާ ގޮތަކުން އޭދަފުށި ރަނގަޅު ކަމަށެވެ. އައްޑޫ އަށް ފައިނަލަށް އާދެވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ޓީމުން އެންމެ ބެސްޓް ދިން ކަމަށް ބޮންޑާ ބުންޏެވެ.

"މިއަދަކީ މިއީ އޭދަފުށީގެ ދުވަހެއް. އަހަރުމެންގެ ނަސީބު ނެތީ. މިހާ ހިސާބަށް އާދެވުމަކީ ވެސް ލިބުނު ހިތްހަމަޖެހުމެއް،" ބޮންޑާ ބުންޏެވެ.

ފައިނަލް މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ބޮންޑާ ބުނީ އައްޑޫ ޓީމުގެ ވިސްނުން ހުރީ ބޮޑަށް ޑިފެންސިވް ގޭމަކަށް ކަމަށާއި މެޗު ގެއްލިގެން ދިޔައީ ހެދުނު ބައެއް ކުދި ގޯސްތަކުން ކަމަށެވެ. އެވްރެޖްކޮށް މެޗު ދިޔައީ ރަނގަޅަށް ކަމަށާއި ނަތީޖާ އެއްވަރުކޮށްލަން އައްޑޫ ޓީމަށް ފުރުސަތުތަކެއް ވެސް ލިބުނުކަން ފާހަގަކުރަމުން ބޮންޑާ ވަނީ ކޮންމެ ދުވަހަކު ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ވެސް ނުހިފޭނެ ކަމަށާއި މިއަދަކީ އެކަހަލަ ދުވަހެއް ކަމަށް ބުނެފަ އެވެ.

މީގެއިތުރުން ބޮންޑާ ވަނީ މި މުބާރާތުގައި ސަޕޯޓަރުން އައްޑޫ ޓީމަށް އެންމެފަހު ވަގުތާއި ހަމައަށް ވެސް ދިން ސަޕޯޓާއި ދިން ހިތްވަރަށް ސާބަސްދީ ޝުކުރު އަދާކޮށްފަ އެވެ.