Last Updated: December 27, 05:44
Friday, December 27, 2024
ޚަބަރު

ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، ރެކޯޑު އަދަދެއް

މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ މިއަދާ ހަމައަށް ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށެވެ. އަދި އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަން ޒަކާތު ފަންޑަށް ޖަމާކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒަކާތުގެ ޚާއްޞަ އިދާރާއެއްގެ އުފެެއްދުމުގެ ހެޔޮ ނަތީޖާ ކަމަށްވެސް ވިދާޅުވި އެވެ.

ޒަކާތު ފަންޑުން މިދިޔަ މަހު އެކަނި ވެސް ވަނީ 61 މީހަކަށް އެހީވެފަ އެވެ. އެގޮތުން ޒަކާތު ފަންޑުން އެހީގެ ގޮތުގައި މިދިޔަ މަހު 1,086,381.81 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑުން މިދިޔަ މަހު އެހީ ފޯރުކޮށްދިން ކަންކަމުގެ ތެރޭގައި ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ސިކުނޑީގެ އޮޕަރޭޝަން އަދި ޓްރާންސްޕްލާންޓް ހެދުން ހިމެނެ އެވެ. މިގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފަ އެވެ.