ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓާ ނިންމެވީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފައިވަނިކޮށް އެ މައްސަލަ ބަލައިގަތުމަށް އެންމެފަހުން ހައިކޯޓުން ނިންމައިފި އެވެ.
ޖިހާދުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ ޖިހާދު އުޅޭ އެޑްރެހެއް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ދިން 15 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ޕީޖީން މައްސަލަ ހުށަހެޅުމުންނެވެ.
ހައި ކޯޓުގެ ރަޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށްދޭން އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބަލައިނުގަތީ ރަނގަޅަށް ކަމަށް ނިންމާފަ އެވެ.
ހައިކޯޓުން އެ މައްސަލަ ބަލައިގަތުމަށް އަލުން ނިންމީ އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނޭޅުނު ސަބަބު ހާމަކުރުމުން ކަމަށް ހައިކޯޓުން ބުންޏެވެ.
ޖިހާދުގެ މައްސަލަ ހައިކޯޓުން ބަލައިގަތުމަށް ނިންމާފައިމިވަނީ ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ޕީޖީ އޮފީހުން ބުނެފައިވަނީ، އިސްތިއުނާފު ބިނާކޮށްފައިވާނެ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމެވެ. އަދި ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްދިނުމަށް ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.