Last Updated: December 27, 20:54
Friday, December 27, 2024
ޚަބަރު

އައިބީއެމްގެ އެއްބަސްވުމެއް ބާތިލުކޮށްފި

އެމްޑަބްލިއުއެސްސީގެ ދަށުން ހިންގަމުން އަންނަ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ތަނެއް ހޯދުމާ ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމެއް ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ބެލެވޭތީ ބާތިލުކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކުންފުނީގެ އިންޓާނަލް އޮޑިޓް ޓީމުން ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ތަހުގީގަށް ފަހު އެއްބަސްވުން ބާތިލުކޮށް، އަލުން ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ތަނެއް ހޯދުމަށް އައިބީއެމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

"އައިބީއެމަށް ލޭބަ އެކަމޮޑޭޝަން ހޯދުމުގެ ޕްރޮސެސް އާއި އަގުތަކާ ގުޅޭ ޝަކުވާއެއް އަޅުގަނޑުމެންނަށް މީގެ ދުވަސްކޮޅެއް ކުރިން ލިބުމާއެކު އެކަން ކުރިއަށް ގޮސްފައިވާ ގޮތާއި އަގުތައް އިންޓާނަލް އޮޑިޓް ޓީމުން ބެލުމަށްފަހު އެމްޑަބްލިއުއެސްސީގެ ބޯޑުގައި މަޝްވަރާކުރެވި އެކަމާގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އައބީއެމްއަށް އަންގާފައި،" މަތީން ވިދާޅުވި އެވެ. "މިގޮތުން މިހާރުގެ އެއްބަސްވުން ބާޠިލުކޮށް ލޭބަ އެކޮމޮޑޭޝަން ހޯދުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް މިހާރު ވާނީ އަންގާފައި."

އައިބީއެމްގެ މި މައްސަލައިގައި ފާހަގަކުރެވިފައިވާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ 27 ގައި މަހަކު 60،000ރ. އަށް ޓެލެ މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުމެއް މިދިޔަ އޮކްޓޯބަރު މަހުހެ 22 ގައި މަހަކު 200،000ރ. އަށް ބަދަލުކޮށްފައިވެ އެވެ.

އައިބީއެމްގެ ތެރެއިން މިފަދަ މުއާމަލާތެއްގެ މައްސަލަ ފެންމަތިވި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން ހިންގާ ބުނެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ. އެގޮތުން މިހާރު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރެއިން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ މައްސަލަތަަކަށެވެ.

އެގޮތުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ އަދި ފެން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދަށް "ބިންވެރިޔާ" ސްކީމުން ނުހައްގުން ހުޅުމާލެ އިން ގޯތި ދިން މައްސަލައެއް ފުލުހުންނާއި އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފަޒުލް އާއި ފަޒީލް ވެސް ސަސްޕެންޑްކޮށްފައި ވަނިކޮށް، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.