މިހާރުގެ ސަރުކާރުގެ 'އަނިޔާވެރިކަން' ނިންމުމަށް އެދި އިސްލާމީ މަރުކަޒުގެ ބޭރުގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެއްވެ، ކޮންމެ ހުކުރު ދުވަހަކު ޙާއްސަ ދުޢާއެއް ކުރަމުން އަންނަތާ މިވަނީ ދުވަސްތަކެއް ވެގެން ގޮސްފައެވެ.
އިސްލާމީ މަރުކަޒު ބޭރުގައި ދުޢާކުރުން ހުއްޓުވުމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތައް ފުލުހަށް ގެންދިޔުމުގެ އިތުރަށް، ސީދާ އިސްލާމީ މަރުކަޒު ކައިރިއަށް ފުލުހުން ފޮނުވައިގެން ވެސް އެކަން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރި ނަމަވެސް އެކަން ހުއްޓުވޭގޮތެއް ނުވިއެވެ. ދުޢާކުރުމަށް އެއްވި މީހުންނަށް ހުރަސްއެޅުމަށް ދިޔަ ބައެއް ފުލުހުންނަށް ރޮވި ސަރުކާރު ބަދުނާމުވުން ނޫން އެހެން ކަމެއް ނުވިއެވެ.
ސަރުކާރާއި އެކު އިދިކޮޅު ފަރާތްތަކުން ހެދި 'ޑީލް' ތަކަކަށް ފަހު 'އަނިޔާވެރިކަން ނިންމަން' ފެށި ހަރަކާތުގެ އިސްވެރިން މަންޒަރުން ގެއްލިފައިވާއިރު، ގިނ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިޔާގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޖޭޕީގެ ސަޕޯޓަރުންގެ ފަރާތުން ބަހުގެ ހޫނު ހަމަލާތަކެއް އެ ޕާޓީތަކުގެ ލީޑާޝިޕަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ހިންގަމުން އައި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމުގައިވާ، ކޮންމެ ހުކުރު ނަމާދަކަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ބާއްވާ ޙާއްސަ ދުޢާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުން އައި ނަމަވެސް، މިއަދު ހުކުރު ނަމާދަށް ފަހު ދުޢާކުރުމަށް އެއްވި މީހުންގެ އަދަދު ވަރަށް މަދުކަން ވަނީ ފާހަގަވެގެން ގޮސްފައެވެ. އާންމުގޮތެއްގައި އިސްލާމީ މަރުކަޒުގެ ސިޑި މަތީގައި އެއްބަޔަކު، ސަލްޓަން ޕާކް ވީ ފަޅީގައި އަދި ޖުމްހޫރީ މައިދާނާއި ވީ ފަޅީގައި ވެސް ދުޢާގައި ބައިވެރިވާ މީހުން ތިބި ނަމަވެސް މިއަދުގެ ދުޢާގައި ބައިވެރިވި މީހުން ތިބީ ހަމައެކަނި އިސްލާމީ މަރުކަޒުގެ ސިޑި މަތީގައި އަދި ސަލްޓަން ޕާކާއި ވީ ފަޅީގައެވެ.
ދުޢާގައި ބައިވެރިވި މީހުންގެ އަދަދު މަދުކަމުން އާންމުގޮތެއްގައި ދުޢާގައި ބައިވެރިވާ މީހުން ވެސް ދުރުގައި ބަލަހައްޓައިގެން ތިބިކަން ފާހަގަކުރެވެއެވެ.
ދުޢާގައި ބައިވެރިވި މީހުންގެ އަދަދު މަދުވެފައި މިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަން ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވަރަށް ގަދައަށް ދެކެވެން ފަށާފައި ވަނިކޮށެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން އެމްޑީޕީ އަދި ސަރުކާރުން ވެސް ރަސްމީ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.