މީގެ 20 އަހަރު ކުރިން ކުރިމަތިވި ސުނާމީއާ ގުޅިގެން ފާހަގަ ކުރަމުން އަންނަ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުގެން ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސްކޫތެއް ބާއްވައިފި އެވެ.
އެ ސްކޫތުގައި ގެނައި ސުކޫތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ޑިސެމްބަރު 26، 2004 ގެ ސުނާމީގެ ރާޅު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑި ކަމަށްވާ ހެނދުނު 9:23 ގައި ގެނައި ހަމަހިމޭންކަމުގެ ސުކޫތުގައު ރައީސް ބައިވެރިވެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިން ހުރި ސަރަހައްދުގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުން ވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން މި ސްކޫތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދިޔަ އިރު، އެ ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރުކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15،000 މީހުންގެ ގެދޮރު ގެއްލުނެވެ.
އެ ދުވަހު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައި ދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ފެށީ 2005 އިން ފެށިގެންނެވެ.