Last Updated: January 7, 22:35
Tuesday, January 7, 2025
ޚަބަރު

ކުރިއަށް އޮތީ މަސައްކަތްތަކުގެ ސްޕީޑު ބާރުވާނެ އަހަރެއް

ކުރިއަށް އޮތީ ސަރުކާރުގެ މަސައްކަތްތަކުގެ ސްޕީޑު ބާރުވާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތައް ގެންނެވުމަށްފަހު ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާކޮށް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އަހަރެއް ކަމަށެވެ. އަދި މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ކެބިނެޓަށް މިއަދު ގެންނެވި ބަދަލުތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު އުވާލެއްވުމަށްފަހު އެ މިނިސްޓްރީގެ ދަށުން ކުރަމުން އައި ބައެއް މަސައްކަތްތައް އެހެނިހެން މިނިސްޓްރީތަކުގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޕްލޭނިންގެ މަސައްކަތްތައް މިނިސްޓްރީގެ އޮފް ފިނޭންސްގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ.

މި ބަދަލާއެކު ފިނޭންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ބަދަލުކުރައްވާފައިވެ އެވެ.

މީގެއިތުރުން ހައުސިން މިނިސްޓްރީން ކުރަމުން އައި ގެދޮރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައި އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައާ އެޑިއުކޭޝަން ސްކިލްސް ޑިވެލޮޕްމެންޓު އެންޑް ލޭބާއަށް ވަނީ ބަދަލުކުރައްވާފަ އެވެ.

ހައުސިން މިނިސްޓްރީ އުވައިލެއްވުމާއެކު އެ ވުޒާރާގެ މިނިސްޓަރުކަމުގައި މިހާތަނަށް ހުންނެވި ޑރ.އަލީ ހައިދަރު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ސްކިލްސް ޑިވެލޮޕްމެންޓު އެންޑް ލޭބާގެ މަގާމަށް ވަނީ އައްޔަންކުރައްވާފަ އެވެ. އަދި އެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ.މަރިޔަމް މާރިޔާ ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް ބަދަލުކުރައްވާފަ އެވެ.