ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަކީ ރައްޔިތުން މިއަދު އެންމެ އެދޭ ކަންތައް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވިފައި ހުރި އެތަކެއް މައްސަލަތަކެއް މިހާރުވެސް އޭސީސީގައި އެބައޮތް ކަމަށާއި އެއިން މައްސަލައެއް ބެލުމުގެ ފުރުސަތު ނުދެއްވުމުގެ އިތުރަށް އޭގެއިން މައްސަލައަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ބޮޑެތި ވަގުންގެ ގޮތުގައި ސިފަވެގެންދިޔަ މީހުން ކުރި ވައްކަމުގެ ޒިންމާ ވެސް އުފުލަންޖެހޭނީ ސީދާ އެމަނިކުފާނު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ސުލޫކީ މިންގަނޑަށް ބަލާކަމަށްވާނަމަ، އަމިއްލަފުޅަށް ތިމަންނައަކަށް މިކަމެއް ނުވިއޭ ވިދާޅުވެފައި ދުރުވެވަޑައިގަތުމަކީ، މުއިއްޒުގެ އިހުތިޔާރުގައި ހަމަ އޮތް ކަމެއް. މިހާރު ދިވެހި ރައްޔިތުން އެއަށް ވުރެ ބޮޑަށް އެދޭ ކަމެއް އޮންނާނެހެނެއް އަޅުގަނޑަކަށް ހީއެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުވެ، ޖަވާބުދާރީނުވެވިއްޖެނަމަ ހަމަޖެހޭ ގައުމުތަކުގައި ވެސް ކަންކުރާ އުސޫލަކީ މަގާމުތަކުން އެ ބޭފުޅުން ދުރަށް ޖެހިވަޑައިގަތުން ކަމަށް ވިދާޅުވެފަ އެވެ. ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނާއި ދެމެދު އޮންނަނީ ވަރަށް އިހުތިރާމް ލިބިގެންވާ ގުޅުމެއް ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައްޔިތުންނަށް ކަންކަން ކޮށްނުދެވޭނަމަ އަމިއްލަ އަށް އިސްތިއުފާ ދީފައި ދުރަށް ވަޑައިގަތުމުގެ އަބުރުވެރިކަން ގައުމުތަކުގެ ވެރިންގެ ކިބައިގައި ހުންނަ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.