ލެސްޓަ ސިޓީ 3-1 އިން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 17 މެޗުން ލިބުނު 42 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 18 މެޗުން 35 ޕޮއިންޓު ހޯދައިގެން އޮތީ ޗެލްސީ އެވެ. ތިންވަނައިގައި 34 ޕޮއިންޓާ އެކު އޮތީ ނޮޓިންހަމް ފޮރެސްޓް އެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ޖޯޑަން އަޔޫ ވަނީ ލެސްޓާ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނީކޮށް ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ލެސްޓާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ކާޓިސް ޖޯންސްގެ ގޯލުން ލިވަޕޫލް ލީޑު ނެގިއިރު، މެޗުގެ 82 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާ އެވެ.
ލިވަޕޫލުން އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑެއް ނެގިއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ދެވަނައިގައި އޮތް ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ފުލަމް އަތުން ބަލިވެފަ އެވެ. ނޮޓިންހަމް ފޮރެސްޓުން 1-0 އިން ޓޮޓެންހަމް ބަލިކުރިއިރު، ވުލްވްސް އަތުން 2-0 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ވަނީ ލީގުގެ 14 ވަނަ އަށް ވެއްޓިފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-0 އިން އެސްޓަން ވިލާ ބަލިކޮށް ލީގުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ.