Last Updated: April 22, 13:59
Tuesday, April 22, 2025
ޚަބަރު

މަންމޯހަން އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ މަންމޯހަން އަކީ އޭނަގެ ވެރިކަމުގެ ދައުރުގައި ދެކުނު އޭޝިއާގެ ގައުމުތަކުގައި ގުޅުން ބަދަހި ކުރުމަށް ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި 2011 ގައި މަންމޯހަން ރާއްޖެ ވަޑައިގެންނެވިކަން ވެސް ރައީސް ފާހާގަކުރެއްވި އެވެ.

އޭނަ ރާއްޖެ ވަޑައިގަތީ އެ އަހަރު ރާއްޖޭގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށެވެ. އެ ސަމިޓް އޮތީ އައްޑޫގަ އެވެ. އޭރު ވެރިކަމުގައި ހުންނެވީ މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ވެސް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަންމޯހަންގެ ހަނދާންތައް އާ ކުރައްވައި ހިތާމަފާޅުކުރައްވާފައިވެ އެވެ.

އިންޑިއާގެ މިހާރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސް އަށް ނިސްބަތްވި، މަންމޯހަން އަކީ 13 ވަނަ ބޮޑުވަޒީރެވެ. އޭނަ ވެރިކަން ކުރެއްވީ 2004-2014 އަށެވެ.

އުމުރުފުޅުން 92 އަހަރުގައި މަންމޯހަން އަވަހާރަވީ ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރޭގެ ވަގުތެއްގައި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގަ އެވެ.