Last Updated: February 5, 20:23
Wednesday, February 5, 2025
ރިޕޯޓް

ގުރުއާން ކިޔެވުމުން ހިތަށް ހަމަޖެހުން ލިބޭނެ: ހުތުބާ

ކީރިތި ގުރުއާން ކިޔެވުމަކީ ހިތަށް ހަމަޖެހުން ލިބޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ ހިތްތަކަށް ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުން ހިމެނޭ ކަމަށާއި މިއީ ހިތާމަތައް ފިލުވައި، ކަންބޮޑުވުންތަކާއި ހިތްދަތިކަން ދުރުކުރުމުގައި އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"ކީރިތި ޤުރްއާން ކިޔެވުމުން އަޅާގެ ހިތަށް ހަމަޖެހުން ލިބެއެވެ،" ހުތުބާގައި ބުންޏެވެ.

ދިރިއުޅުމުގެ ޙަޔާތަކީ ހިތްދަތި ކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ޙަޔާތެއް ކަމަށާއި ހިތްދަތި ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރަން ވާނީ ޢަޒުމާއި ހިތްވަރާއެކު ކަމަށް ހުތުބާގައި ބުންޏެވެ. ކިތަންމެ އަޤީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ޙާލަތެއް އަތުވެދާނެ ކަމަށާއި އެއީ މީހާގެ އަޤީދާގެ ބަލިކަށިކަމުން ވާ ކަމެއް ނޫން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

"އެއީ، އިންސާނާގެ ނަފްސުގެ ބަލިކަށިކަމެވެ. އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމުށްޓަކައި އަޤީދާގައި ސާބިތުވުމަކީ މުހިންމު ކަމެކެވެ. މިގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ ޢަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާޞިލްވެވިދާނެއެވެ،" ހުތުބާގައި ވެ އެވެ.

ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނެކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލައި ކަމަށާއި ނަމަވެސް އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުޞީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެހެނަސް ބައެއް މީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ، އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިފަދަ ޝުޢޫރުތަކާއި ވާހަކަތައް ދެކެވެނީ އުއްމީދު ކެނޑި ދުނިޔެވީ ޙަޔާތުން މާޔޫސްވެފައި ވާތީ ކަމަށާއި އެހެންކަމުން، ސަބަބުތަކުގައި ހިފައި، ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށްޖެހޭ ކަމަށް ބުންޏެވެ. ނަމަވެސް މުއުމިނުންނަކީ އެންމެ ބޮޑެތި މުޞީބާތުގެ ވަގުތުތަކުގައި ވެސް، މާތްﷲ ގެ ރަޙްމަތާއި ލުޔަށް އުއްމީދުކުރާ، އެ މީހުންގެ ހިތްތައް ޔަޤީންކަމުން ފުރިފައިވާ ބައެއް ކަމަށާއި އަދި މާތް ﷲގެ މަގުގައި ޘާބިތުވެ ހުންނަ މީހަކު މާޔޫސްވެގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.