Last Updated: December 28, 20:30
Saturday, December 28, 2024
ޚަބަރު

ގޭ ބަންދުގައި ހުރި މީހަކު ފިހާރައެއް ފަޅާލައިފި

ގޭ ބަންދު ހުކުމެއްގައި ހުރި މީހަކު ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ.މީދޫ/ބުލްބުލްގެ، އަޒްމީލް މުޙައްމަދު (40އ) އެވެ.

އަޒްމީލް ހައްޔަރުކުރީ މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒްމީލަކީ މިއަހަރުގެ އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި "ކްރޭވެސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.