Last Updated: December 28, 20:30
Saturday, December 28, 2024
ޚަބަރު

މާލޭގެ ރައްޔިތުންނަށް މިއަދަކު ރައްކާތެރިކަމެއް ނެތް

މާލޭ މޭޔަރު އާދަމް އާޒިމް- ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހުސާސް މިއަދު ކުރެވޭ ކަމަށް، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ ކުރީގެ ވެރިންނާއި ގުޅުންހުރި ތަންތަނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަދެ ބަލައި ފާސްކުރުމުންނެވެ.

ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެކެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ އިތުރަށް، އިލެކްޓްރޯނިކް ސާމާނުތައް ވެސް ވަނީ ހިފަހައްޓާފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރެއިޑްތައް ހިންގުމުން، އާއިލާތައް ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ކަމަށާއި މިއަދު މިފަދަ ކަންކަން ހިނގާތަން ފެނުމަކީ ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް މިފަދަ ކަންކަން ތަޖުރިބާކުރެވިފައި ހުރި ކަމަށް އޭނާ ފަހަގަކުރެއްވި އެވެ.

"އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓާއި އަދި ފްރޭމް ކުރުމަށް ހެކި ބަހައްޓައިގެން ހިންގި ރެއިޑުތަކުން އެތަށް އާއިލާތަކަކަށް ވަނީ އަނިޔާ އާއި ހިތާމަ ބޭއިންސާފުން ލިބިފައެވެ. އަދި މިއަދާ ހަމައަށްވެސް މިފަދަ ބޮޑެތި ޖަރީމާތައް ހިނގި ފަރާތްތައް އިންސާފު ކުރިމަައްޗަށް ގެނެވިފައި ނެތެވެ،" އާޒިމް ވިދާޅުވި އެވެ.

މިފަދަ ހިތާމަވެރި ކަންކަން، އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ޤާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް އާޒިމް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިއަދު ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރުމުން ދުރުހެލިވެތިބުމަށް، ފުލުހުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން އާޒިމް ވަނީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން، މިއަދު މާލޭގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހުސާސް އިންތިހާއަށް ކުރެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ.