Last Updated: April 22, 13:59
Tuesday, April 22, 2025
ޚަބަރު

ދެ ޖިންސް ތަފާތު ކުރާ ކަމަށް ތުހުމަތުކޮށްފި

މި ސަރުކާރުން ދެ ޖިންސްގެ މީހުން ތަފާތު ކުރާ ކަމަށް ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިއާ އެގްރިކަލްޗަ މިނިސްޓްރީ އަށް ބަދަލުކޮށް، ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ހަޔަ އެޑިއުކޭޝަނަށް ބަދަލު ކުރެއްވުމަކީ ހައިރާންކަން ލިބިވަޑައިގަތް ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އަނީސާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަނީސާ ސިފަކުރެއްވި ގޮތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު އެ މަގާމުން ދުރުކޮށް އެގްރިކަލްޗާ އަށް ބަދަލުކޮށް، ހަ އެޑިއުކޭޝަން މިނިސްޓްރީ ފިރިހެން ބޭފުޅަކާ ހަވާލުރެއްވީ ފިރިހެނެއްގެ ދަރަޖަ އާއި ކަރަމާތް ގެއްލިދާނެތީ އެވެ.

"ތަޢުލީމީ ދާއިރާ އިން މަތީ ތަޢުލީމާއި ގިނަތަ ޖުރިބާ ޙާސިލުކޮށްފައިވާ މީހަކު މަތީ ތަޢުލީމާ ބެހޭ ވުޒާރާ ހިންގަމުން ގެންދަނިކޮށް ކުއްލިއަކަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ބަދަލުކޮށް، އޭނާ ހިންގަމުން ގެންދިޔަ ވުޒާރާ އަށް އެހެން ވަޒީރަކު ޢައްޔަނު ކުރުމުން އަޅުގަނޑަށް ކުޑަޙައިރާން ކަމެއް ލިބުނު،" އަނީސާ ވިދާޅުވި އެވެ. "އެކަމަކު ވިސްނާލުމުން ސަބަބު ހިތަށް ގެނެވިއްޖެ. ގެދޮރުވެރިކަމާއި ބިމާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އެއްކޮށްލުމުން ޕޯޓުފޯލިއޯ ނެތިގެން ދިޔައީ ފިރިހެން ވަޒީރެއްގެ ކަމަށްވެފައި، ހުސްކޮށް ހުރީ ދިރޭތަކެއްޗާ ބެހޭ ވުޒާރާކަމުން އެޕޯ ޓުފޯލިއޯ ފިރިހެނަކާ ޙަވާލުކޮށްފި ނަމަ ފިރިހެނެއްގެ ދަރަޖަ އާއި ކަރާމާތަށް އުނި ކަމެއް އަތުވެދާނެތީ އަންހެނަކާ ޙަވާލުކުރީ."

އަނީސާ ވިދާޅުވީ މިފަދަ ބަދަލެއް ސަރުކާރުން ގެނައި އިރު، އަޑަށް ބާރުލާފައި އަންހެނުން ބާރުވެރިކުރާ ވާހަކަ ތާ އަބަދު އެންމެންވެގެން ދެއްކި ނަމަވެސް ނަތީޖާ ނެރެވޭނީ އަމަލީ ގޮތުން ކަންތައްތަކެއްކޮށްގެން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.

"އެހެންވީމާ މިއީ ނޭދެވޭ ތަފާތު ކުރުމެއް ނޫނޭ ކޮންމެ މީހަކު ބުންޏަސް އަޅުގަނޑަކަށް އެއްބަހެއް ނުވެވޭނެ." އަންހެނުން ބާރުވެރިކުރުމުގެ މަސައްލަތުގައި އުޅުއްވާ އަނީސާ ވިދާޅުވި އެވެ.

މާރިއާ އެގްރިކަލްޗަ މިނިސްޓަރަކަށް ބަދަލުކުރި އިރު، އެ ކަމަލާ ހުންނެވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެންނެވި އެވެ. އެއީ ކުރިން މިނިސްޓަރަކަށް ހުންނެވި ޑރ. އައިޝަތު ރަމީލާ ސިއްހީ ހާލަތު ތަން ނުދޭތީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.