މި އަހަރުގެ ޑިސެންބަރާ ދިމާކޮށް އެކި ގުރޫޕުތަކުގެ ހަވާލުގައި 6،300 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަ ން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް މިނިސްޓަރު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޑިސެންބަރު މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް 6،373 މީހަކު ގޮސްފައިވާ ކަމަށާއި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަަށެވެ.
ޝަހީމް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއްފަހަރާ އުމްރާގެ އަޅުކަމުގައި ބައިވެރިވުމަށް އެންމެ ގިނަ ބަޔަކު ދަތުރުކުރި ފަހަރަށް ވާނެ ކަމަށެވެ.
އަހަރު ހުރިހާ ދުވަސްވަރެއްގައި ރާއްޖެ އިން އުމްރާ އަށް ދާ މީހުން ވަރަށް ގިނަ އެވެ. އަދި ހާއްސަކޮަށް އެކިއެކު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އުމްރާ އަށް މީހުން އަންނަނީ އިތުރު ވެސް ވަމުންނެވެ. މިހާރު އުމްރާވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ޒުވާނުން ވެސް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.
އުމްރާ އަށް މީހުން ގެންގޮސްދޭ ރާއްޖޭގެ ކުންފުނިތަކުގެ އަދަދު 50 އަށް ވުރެ ގިނަ އެވެ.