Last Updated: April 2, 22:48
Wednesday, April 2, 2025
ދުނިޔެ

އިރާނުން ވަޓްސްއެޕަށް ހުއްދަ ދީފި

އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުން ކުރުން ވަރަށް ބޮޑަށް ހިފަހައްޓާފައި އޮންނަ އިރާނުން ވަޓްސްއެޕަށް ހުއްދަ ދީފި އެވެ.

ފޭސްބުކާއި އިންސްޓަގްރާމާއި މެސެންޖާގެ އިތުރުން ތުރެޑް ފަދަ މަގުބޫލު އެޕްތައް ވެސް ހިންގަމުން އަންނަ މެޓަގެ ވަޓްސްއެޕަށް ހުއްދަ ދިނުމުގެ އިތުން އެންޑްރޮއިޑް އެޕްތައް ޑައުންލޯޑްކުރަން ހާއްސަ ގޫގުލްޕްލޭ އަށް ވެސް އިރާނުން ވަނީ ހުއްދަ ދީފަ އެވެ.

ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމްތައް އިރާންގައި ބޭނުން ނުކުރެވޭ ގޮތަށް ހަދާފައި އޮންނާތީ، އެފަދަ ޕްލެޓްފޯމްތައް ގިނަ ބަޔަކު ބޭނުން ކުރަނީ ވާޗްއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) މެދުވެރިކޮށެވެ.

އިރާންގެ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން ބުނީ ވަޓްސްއެޕާއި ގޫގުލްޕްލޭ އަށް އިރާނުން ހުއްދަ ދިނީ އެކަމާ ގުޅޭ ގޮތުން ރައީސް މައްސޫދު ޕެޒެޝްކިއަން އިސްކޮށް ހުންނަވައިގެން ކަމާބެހޭ އިދާރާތަކާ އެކީ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިރާންގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ސައްތާރު ހަޝޭމީއާ ހަވާލާދީ އިރްނާ އިން ބުނީ އިރާންގައި އިންޓަނެޓާއި ސޯޝަލް މީޑިއާ އަށް ދޫދަތަކެއް ދިނުމުގެ ފެށުމެއް ކަމަށެވެ.

"މިއީ ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް." މިނިސްޓަރު ވިދާޅުވި އެވެ.