އިހަވަންދިއްޕޮޅުގައި "އިންޓަނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓް" އިން އަލަށް ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ޚިދުމަތް ދީފި އެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހް މިއަދު ވިދާޅުވީ އެ ޔޮޓަކީ ޓޫރިސްޓުންތަކެއް ގޮވައިގެން ރާއްޖެ އައި ޔޮޓެއް ކަމަށެވެ.
މި ދުވަސްވަރު ޓޫރިސްޓުން ގޮވައިގެން ރާއްޖެ އަށް ގިނަ ޢަދަދަކަށް ޔޮޓު ފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވި ގޮތުން މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދެއްގެ ޔޮޓުފަހަރު ދަތުރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ ޔޮޓްތަކަށް ހިދުމަތް ތައާރަފުކުރުމާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު ގުދުރަތީ އަތޮޅު ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް މުދާ އުފުލައިގެން ހުރަސްކުރާ ސްޓްރެޓެޖިކް ހާއްސަ ސަރަހައްދެކެވެ. ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ އުޅަނދު އެ ސަރަހައްދުން ދަތުރު ކުރެ އެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ. ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.
ބަންކަރިން ހިދުމަތް ފެށީ ދައުލަތުގެ އެމްޕީއެލާއި އެސްޓީއޯ ގުޅިގެންނެވެ.
ބަންކަރިން ހިދުމަތުގެ ތެރެއިން އާގުބޯޓުފަހަރަށް ތެޔޮ އަޅައި ދިނުމުގެ ހިދުމަތް ފޯރުކޮށް ދެނީ އެސްޓީއޯއިންނެވެ. އެ ކުންފުނިން އިން ބޯޓުތަކަށް ތެލުގެ ހިދުމަތްދޭއި ރު، އެމްޕީއެލުން ހިދުމަތް ދެނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގަ އެވެ. އެގޮތުން ބޯޓުތަކަށް ކެއުމާއި، ބުއިން، އަދި މެއިންޓަނަންސް ގެ ހިދުމަތް، ފަޅުވެރިން ބަދަލުކުރުން، ބޯޓުގައި އުފެދޭ ކުނިތައް ނައްތާލުމުގެ ހިދުމަތް ހިމެނޭ ހެން 14 ހިދުމަތެއް ދޭން އެމްޕީއެލުން ދޭނެ އެވެ.