Last Updated: January 30, 21:16
Thursday, January 30, 2025
ކުޅިވަރު

ފަސް މެޗަށް ފަހު ސިޓީ ފުރަތަމަ ފަހަރަށް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓަ ސިޓީ 2-0 އިން ބަލިކޮށް، ފަސް މެޗަށް ފަހު މެންޗެސްޓާ ސިޓީ މެޗަކުން މޮޅުވެއްޖެ އެވެ.

މިއީ މި މަހުގެ 5 ވަނަ ދުވަހަށް ފަހު ސިޓީން ހޯދި ފުރަތަމަ މޮޅެވެ. އެ މެޗުން ސިޓީ މޮޅުވީ ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިންނެވެ. އޭގެ ފަހުން ސިޓީން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މޮޅާއެކު 19 މެޗުން 31 ޕޮއިންޓު ހޯދައިގެން ސިޓީ މިހާރު ވަނީ ލީގުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ. ހަތަރުވަނައިގައި 18 މެޗުން 35 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ތިންވަނައިގައި 18 މެޗުން 36 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. އަދި ދެވަނައިގައި 19 މެޗުން 37 ޕޮއިންޓު ހޯދައިގެން ނޮޓިންހަމް ފޮރެސްޓް އޮތްއިރު، އެއްވަނައިގައި 17 މެޗު ކުޅެގެން 42 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަވީނިއޯ އެވެ. މިއީ ފިލް ފޮޑެން ފޮނުވާލި ހަމަލާއެއް ލެސްޓާގެ ކީޕަރު ދިފާއުކުރުމުން ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން ސަވީނިއޯ ކާމިޔާބުކުރި ގޯލެކެވެ.

ސިޓީގެ ދެވަނަ ގޯލު ސަވީނިއޯ ހުރަސްކޮށްލި ބޯޅައަކުން މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. މިއީ މި މަހުގެ 7 ވަނަ ދުވަހަށް ފަހު ހާލަންޑް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މި ގޯލާއެކު އޭނާ ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 14 އަށް އަރާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނޮޓިންހަމް ފޮރެސްޓުން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ޓޮޓެންހަމް އާއި ވުލްވްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ކްރިސްޓަލް ޕެލެސް އިން ވަނީ 2-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އަދި ފުލަމް އާއި ބޯންމަތް ބައްދަލުކުރި މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.