Last Updated: January 4, 20:31
Saturday, January 4, 2025
ރިޕޯޓް

އައްޑޫގެ ބައެއް ފިހާރަތައް "ކުނިވެފައި"!

ދާދި ފަހުން އައްޑޫގައި ބޭއްވި "އަފިރިންގެ އެކްސްޕޯ" ގެ ތެރެއިން.

"ގެ ކައިރީ މި ހުންނަ ފިހާރަ އަށް މިހާރު ވަދެވޭ ވަރެއް ނޫން." މަރަދޫ މީހަކާ ދިމާވެގެން މީގެ ދެ ދުވަހެއް ކުރިން ދެކެވުނު ވާހަކައެއްގައި އޭނަ ބުންޏެވެ

ވީ ކީއްތޯ އަހާލުމުން އޭނަ ބުނީ މިހެންނެވ؛ ނުތާހިިރުކަމުން، ދުވާ ވަހުން މިހާރު އެ ފިހާރަށް ނުވަންނަނީ ކަމަށެވެ. ގެއާ ވަރަށް ކައިރީގައި އެ ފިހާރަ ހުރި ނަމަވެސް އެ މިހާ ބުނި ގޮތުގައި މިހާރު ބާޒާރުކުރަން ދަނީ ތަންކޮޅެއްގައި ދުރުގައި ހުންނަ ފިހާރައަކަށެވެ. ގެ ކައިރީ ހުރި "ވަސް ނުބައި" ފިހާރަ އަށް ވަނުމަށް ވުރެ އެ މީހާ އަށް އެ ގޮތް މާ ރަނގަޅެވެ.

"މި ބުނާ ފިހާރައިގައި ތަރުކާރީ އާއިި މޭވާ ކަހަލަ އެއްޗެހި ހަލާކުވެގެން ކުނިވެ، ވަސް ނުބައިވާ އިރު އެކަމަކާ އެ މީހުންގެ އެއްވެސް ފަރުވާލެއް ނެތް." އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައާ ބެހޭ ގޮތުން އެ މީހާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ތަރުކާރީ އާއި މޭވާ ފަދަ އެއްޗެހި ލައިފައި ހުންނަ އައިސްއަލަމާރިތައް ވެސް މީން ޒަމާނެއްގައި ސާފުކުރިކަމާ މެދު ވެސް ޝައްކެވެ.

"އެއްޗެހި ހަލާކުވެ މުޅި ފިހާރައިގެތެރެ ވަސް ނުބައިވެފައިވާ އިރު، ހަލާކުވެ ކުނިވެފައި ހުންނަ އެއްޗެހި ފިހާރައިގެ ބޭރުގައި ފޮށިގަނޑުގަނޑަށް އަޅާފައި ތަރުތީބެއް ނެތް ގޮތަށް ދޮރާ ދިމާ އަށް އުކާފައި ހުރުމަކީ ވެސް ހަމަ އެހާ އާންމު ކަމެއް." އެ މީހާ ބުންޏެވެ.

މިއީ ހަމައެކަނި އެންމެ ތަނެއްގެ ވާހަކަ އެވެ؛ އެކަމަކު އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ހުރި ފިހާރަތަކަށް ބަލާ އިރު، އެ މީހާ ފާހަގަކުރި ކަހަލަ މައްސަލަތައް ގިނަ ފިހާރަތައް ނިސްބަތުން ގިނަ އެވެ. މީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ކާބޯތަކެތި ވިއްކާ ފިހާރަތަކެވެ. "މުޑުދާރު، އެހާމެ ވަސް ނުބައި" އެތައް ފިހާރައެއް ފޭދު އާއި މަރަދުފޭދު އާއި މަރަދޫގެ އިތުރުން ހިތަދޫގައ ވެސް އެބަހުއްޓެވެ.

މި ޒާތުގެ ގިނަ ފިހާރަތައް ފާހަގަ ކުރެވެނީ ތަރުތީބުކަން ވެސް ކުޑަ ތަންތަނުގެ ގޮތުގަ އެވެ. އެގޮތުން ތަނާ އެކަށީގެން ނުވާ ވަރަށް މުދާ ވައްދާފައި އޮތުމުން ފިހާރަތަކަށް ވަންނަ އެތައް ބަޔަކަށް އެކަމުގެ ދަތިތަތައް ކުރިމަތިވެ، ތޮއްޖެހުން ފަދަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ.

މިފަދަ ގިނަ ފިހާރަތަކުގައި ތަރުކާރީ އާއި މޭވާ ފަދަ ފަދަ ތަކެތި ލާފައި ހުންނަ ފްރިޖްތަކުގެ ހާލަތު މަރަދޫން ވާހަކަ ދެއްކި މީހާ ބުނި ގޮތަށް ހަމަ ދާދި އެއްގޮތެވެ.

"އިހަކަށް ރޭ މަރަދޫފޭދޫ ބޮޑުމަގުގައި ހުރި ފިހާރައަކަށް ވަން އިރު، އެތަނުން އެ ދުވި ނުބައި ވަހަކުން ކިރިޔާ ހޮޑު ނުލެވެނީ. އެހެންވެ ޖެހުނީ ކެއްސަމުން އަވަހަށް ބޭރަށް ނުކުންނަން،" މީހަކު ބުންޏެވެ. 'މުޅި ތަނުގެ ތެރޭގައި އޮތީ ކުނި ވަސް ހިފާފައި. ފިޔަ އާއި އަލުއްވާއި އެ ނޫން ވެސް އެ ޒާތުގެ އެއްޗެއްހި ހަލާކުވެ، ކުނިވެފައި ހުރެގެން އެހާ ވަސް ނުބައީ. ފިހާރައިގެ ތެރޭގައި ބިންމަތީގަ އާއި ބޭރުގައި ވެސް އެފަދަ އެެއްޗެހި ބަހައްޓާފައި ހުރި."

މިފަދަ ކަންކަމާ ކަންބޮޑުވުން ފާޅުކުރާ މީހުން މިހާރު ވަރަށް ގިނަ އެވެ. އެހެންވެ ބައެއް މީހުން މި މައްސަލަ ބޮޑުވެގެން އަވަށު އޮފީސްތަކަށާއި ޕަބްލިކް ހެލްތަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.

"އެކަމަކު އެއްވެސް ތަނަކުން އަޅައެއް ނުލާ. ކޮންމެ ބަޔަކު ވެސް ބުނަނީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫން. މިވެނި ތަނަކަށް ގުޅާށޭ. ދެން އެތަނަކަށް ގުޅީމަ ބުނާނެ އެ މީހުންނަކާ ބެހޭ ކަމެއް ނޫނޭ،" ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެހެންވީމަ މިއިން ކަމެއް ހައްލުކޮށް ދޭނެ ވަރުގެ ޒިންމާއެއް ނަގާނެ ބަޔަކު ނެތް."

މިއީ ހަގީގަތުގައި އާންމު ސިއްހަތާ ވަރަށް ބޮޑަށް ގުޅުން ހުރި ކަމެކެވެ. ފިހާރަތަކުގެ ނުސާފުތާހިރުކަން ކުޑަވެ، އެފަދަ ތަންތަނުގެ ސަބަބުން ބަލިތަކެއް ފެތުރުމުގެ ބިރު ވެސް އެބައޮތެވެ. ވާހަކަ ދެއްކި ގިނަ މީހުން ފާހަގަކުރި ގޮތުގައި ފިހަރާތަކުން ފާހަގަކުރެވޭ މުޑުދާރުކަން އެނގޭނީ އަމިއްލަ އަށް ގޮސް ލޮލުން ދެކި ތަޖުރިބާކޮށްލުމުންނެވެ.

"ވަންނަން ހަމަ ހެޔޮނުވާ ވަރުގެ ތަންތަން އެބަހުރި." މީހަކު ބުންޏެެވެ.

އެހެން މީހަކު ބުނި ގޮތުގައި އެފަދަ ތަންތަނުގައި ތިބޭ މުވައްޒަފުން ވެސް ހަމަ ކުޅަދާނަ އެވެ. އެ މީހުންނަށް އެ މުޑުދާރުގެކަމުގެ ތެރޭގައި ކެތްވާކަމީ ވެސް ބައެއް މީހުން ބުނި ގޮތުގައި ހައިރާންވާން ޖެހޭ ވަރުގެ ކަމެކެވެ.

"ހިއްސުތައް ސަލާމަތުން ހުރި މީހަކަށް ވަންނަން ކެތްނުވާ ވަރުގެ މުޑުދާރު ފިހާރަތައް އައްޑޫގައި އެބަހުރި. މި ތަންތަނަކީ މި ސިޓީ އަށް އަންނަ ބޭރު މީސްމީހުން ވެސް ހަމަ ވަދެ ވިޔަފާރިކޮށް އުޅޭ ތަންތަން،" މީހަކު ބުންޏެވެ. "އެހެންވީމަ މިއީކީ މާ ރީތި ކަމެއް ނޫން. ފިހާރަތަކަކީ އަބަދު ވެސް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ވަދެ ނުކުމެ އުޅޭ ތަންތަނަށްވާތީ، އެބަޖެހޭ ސާފު ތާހިރުކަން ދަމަހައްޓަން."

އޭނަ ބުނި ގޮތުގައި ސާފު ތާހިރުކޮށް ބަލަހައްޓަން ޖެހެނީ ހަމައެކަނި ކެފޭ/ރެސްޓޯރަންޓް ކަހަލަ ތަންތަން އެކަންޏެއް ނޫނެވެ. އެތަންތަނުގެ ސާފު ތާހިރުކަން ބަލަން އިންސްޕެކްޝަންތައް ހިންގާ ގޮތަށް ގަވައިދުން ފިހާރަތައް ވެސް އިންސްޕެކްޓް ކުރަން ޖެހެ އެވެ. އެކަމަކު ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވަމަކީ އައްޑޫގައި މިއިން ކަމެއް ބަލާނެ ބަޔަކު ނެތުމެވެ. ބަޔަކު ތިއްބަސް ތިބީ ނަމެއްގަ އެވެ.

"ހާއްސަކޮށް ކާބޯތަކެތި ވިއްކާ ފިހާރތައް އެބަޖެހޭ މޮނީޓަކުރެވެން. އައްޑޫގެ އެފަދަ ބައެއް ފިހާރަތައް ވަރަށް މުޑުދާރު ނަމަވެސް ވަރަށް ތަރުތީބުކޮށް، ވަރަށް ސާފު ތާހިރުކޮށް ހުންނަ ފިހާރަތައް ހުރިިކަން ވެސް ފާހަގަކުރަން ޖެހޭ." މީހަކު ބުންޏެވެ.

އޭނަ ބުނި ގޮތުގައި މިފަދަ ކަންކަމަށް ބައެއް މީހުން ފަރުވާ ކުޑަކޮށް، ސަމާލުކަން ނުދެނީ އެކަން ބަލާނެ ބަޔަކު ނެތުމުންނެވެ.

"އެހެންވެ ކޮންމެ ކަމަކަށް ވެސް ވަރިހަމަ އުސޫލު މި އޮންނަނީ،" މީހަކު ބުންޏެވެ. "އަހަރެންގެ ވާހަކަ އަކީ ފިހާރަ ހިންގުމަކީ ލާރި ހޯދަން ކުރާ ކަމަކަށް ވިޔަސް، އެތަންތަނަށް ވަންނަ މީހުންގެ ސިއްހަތާ ދޭތެރޭ ވެސް އެބަޖެހެއޭ ވިސްނާލަން. ތަނަށް ނުކަތާ ވަރަށް މުދާ ވައްދައިގެން ގިނަ އަދަދެއްގެ މުވައްޒަފުން ލައިގެން މިކަން ކުރާ އިރު، ފިހާރަ އަކީ ކަސްޓަމަރުން ވަންނަން ހިތްވާ ކަހަލަ މާހައުލަކަށް ހަދަން ވިޔަފާވެރިން ވިސްނަން ޖެހޭ. ހުރިހާ އެއްޗަކީ ލާރި ކަމަށް ދެކުނީ ވާ ގޮތްގޮތް މިހިރީ."