Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

އެމްޑަބްލިއުސްސީގެ ހިދުމަތްތައް އޮންލައިންކޮށް

އެމްޑަބްލިއުއެސްސީގެ ޚިދުމަތްތައް އޮންލައިންކޮށް ދޭން ޕޯޓަލެއް ތަޢާރަފުކޮށްފި އެވެ.

ފެން ކުންފުނީގެ އެކި ޚިދުމަތަށް އެދި ހުށައެޅުމާއި، އެޕްލިކޭޝަންތައް ކުރިޔަށްދާ މަރުޙަލާތައް ފަސޭހަކަމާއެކު ބަލާލުން ފަދަ ޚިދުމަތްތައް "އެމްޑަބްލިއުއެސްސީ އީ-ޕޯޓަލް" އިން ލިބޭނެ އެވެ.

އެ ޕޯޓަލް އިފުތިތާހުކޮށް ދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދާއި ޗެއާޕާސަން ޝަމްހޫޒާ އަހުމަދެވެ.

މަތީން ވިދާޅުވީ ކުންފުނިން މަސައްކަތް ކުރަނީ ޢާންމުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ވީ ހާވެސް އަވަހަށް ޚިދުމަތްތައް ދިނުމަށް ކަމަށެވެ.

އެހެންވެ އަލަށް ތަޢާރަފްކުރި ޕޯޓަލަކީ އެކަމަށް މަގުފަހިކޮށް ދޭނެ ވަސީލަތެއް ކަމަށް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ ޕޯޓަލްގެ ޚިދުމަތް ލިބޭނީ އީ-ފާސް ނިޒާމު މެދުވެރިކޮށެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މަޢުލޫމާތު ބެލޭނެކަމަށާއި، އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލުތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ މަގުފަހިވާނެ އެވެ. މީގެ އިތުރުން ސްމާޓް މީޓަރު ހަރުކޮށްފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެން ބޭނުން ކުރެވިފައިވާ މިންވަރުގެ ތަފުސީލާއި، ފެން މީޓަރުގެ ރީޑިންގެ އިތުރުން ފެން ބިލުތަކުގެ ތަފުސީލުތައް ވެސް ބެލޭނެ އެވެ.