Last Updated: April 22, 10:25
Tuesday, April 22, 2025
ޚަބަރު

ހުޅުމާލޭގެ ސީއެޗްއެސްއީ އޭސީކުރަން ބީލަމަށް

ހުޅުމާލޭގައި ހިންގަމުން އަންނަ ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިޔުކޭޝަން ސީއެޗްއެސްއީ) ގެ ކްލާސްރޫމްތައް އޭސީކޮށް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ސްކޫލުން ބުނީ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެ ކަމަށެވެ. އެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައެއް ނުގަންނާނެ އެވެ.

ހުޅުމާލޭގެ ސީއެޗްއެސްއީގެ ކްލާސްރޫމްތައް އޭސީކޮށް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިިރު، އޭސީކުރަން ބޭނުންވާ ސާމާނު އެ ސްކޫލަށް ހަދިޔާކޮށްފައި ވަނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީންނެވެ. އެތަނުން އެ ސްކޫލުގެ 35 ކުލާސްރޫމް އޭސީ ކުރަން ބޭނުންވާ 76 އޭސީ ހަދިޔާކުރީ މިދިޔަ މަހު އެވެ.

މަތީ ސާނަވީ އަށް ކިޔަައިދޭ އެ ސްކޫލްގައި 1200 އެއްހާ ދަރިވަރުން ކިޔަވަ އެވެ.

ހުޅުމާލޭގައި ސީއެޗްއެސްއީ ހުޅުވުމުން ކުރިން މާލޭގައި ހިންގަމުން އައި ސީޗްއެސްއީ ބަންދުކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ މިދިޔަ މަހު އެތަން ހުޅުވައި އަލުން ކިޔަވައި ދޭން ފަށައިފަ އެވެ.

ސަރުކާރުން މިއަހަރު އޮތީ ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. މިކަމަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ސްކޫލްތައް ކައުންސިލްތަކުން ވެސް އަންނަނީ އޭސީކޮށް ދެމުންނެވެ.