މި މަހު ރާއްޖެ އަށް ދެ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް 203،891 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 188،798 ފަތުރުވެރިންނާ އަޅާ ބަލާއިރު 8 ޕަސެންޓްގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2،041،526 އަށް އަރާފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ޖުމްލަ އަދަދާއި އަޅާ ބަލާއިރު 9 ޕަސެންޓްގެ އިތުރު އަދަދެކެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ވެސް ޗައިނާ އެވެ. އެގޮތުން ޗައިނާ އިން ވަނީ ރާއްޖެ އަށް 263،042 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 224،699 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 180،455 ޓޫރިސްޓުންނާ އެކީގަ އެވެ.
އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،593 ފަތުރުވެރިންނެވެ.