މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މިއަހަރުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ކެންޕެއިން "ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ރަސްމީކޮށް ފަށައިފި އެވެ.
އެމްއެމްޕީއާރުސީން މިދިޔަ އަހަރުގެ ޑަބްލިއުޓީއެމް ލަންޑަން ފެއާގައި ލޯންޗްކުރި މި ކެންޕެއިންގެ ދަށުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ މަހަކު ބާއްވާ މުބާރާތްތަކުގެ ނަސީބުވެރި ފަރާތްތަކަށް ކޮންމެ ހަފްތާއަކުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން މި ކެމްޕެއިންގެ ތެރެއިން ޖުމްލަ 52 ޗުއްޓީ ދަތުރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
އެމްއެމްޕީއާރްސީން ބުނީ ކޮންމެ މުބާރާތެއްގައި ވެސް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި، ޤުދުރަތީ ރީތިކަމުން ފެށިގެން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަފާތު ކަނޑުގެ ދިރުންތައް ފަދަ އެކިއެކި ކަންކަމަށް އަލިއަޅުވާލާނެއެވެ، އަދި ރޮމޭންސް، ލަގްޒަރީ، ފެމިލީ، ޑައިވިން އަދި އެހެނިހެން ހިތްގައިމު ތަފާތު ސެގްމެންޓްތަކަށް އަލިއަޅުވާލެވޭނެ ކަމަށެވެ.
"ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ "ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ބައިނަލްއަޤްވާމީ ފަރާތްކަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުގުވެރިކުރުވުމެވެ.
އެމްއެމްޕީއާރްސީން ބުނީ މި އަހަރުގެ އަމާޒަކީ، ހޫނު މޫސުމުގެ ބޮޑެތި ކެމްޕޭންތަކާއެކު 25 މާކެޓުގައި ކޮންމެ ކުއާޓަރެއްގައިވެސް ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.