ވަގުތީ ގޮތުން މިނިސްޓްރީތަކެއް ހިންގަމުން އަންނަ ދަރުބާރުގެ އާންމުންނާއި ރަސްމީ އިދާރާތަކުގެ ބޭނުންތަކަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީތައް ދަރުބާރުގޭގައި ހިންގަމުން ގެންދާތީ، އެތަން އިތުރު ބޭނުންތަކަށް މިހާރު ކުއްޔަށް ދެވެން ނެތް ކަމަށެވެ. ދަރުބާރުގެ ގެއަކީ އާންމުކޮށް މާލޭގައި ބާއްވާ ހަފުލާތަކާއި އިވެންޓްތައް ބާއްވަން ކުއްޔަށް ދެމުން އައި ތަނެކެވެ. އޭގެ ތެރޭގައި ކައިވެނި ޕާޓީ ހަފުލާތަކަށް ވެސް ދަރުބާރުގޭހެ ހޯލުތައް މިހާތަނަށް އައީ ކުއްޔަށް ދޫކުރަމުންނެވެ.
އެތަން ކުއްޔަށް ދޫކުރުން މި ވަގުތަށް މަޑުޖައްސައިލީ މިދިޔަ މަހުގެ 12 ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކެއް އަނދައި ހުލިވެ، ވަގުތީ ގޮތުން އެ މިނިސްޓްރީތައް މިހާރު ދަރުބާރުގޭގައި ހިންގަމުންދާތީ އެވެ.
އެ ތިން މިނިސްޓްރީ އަކީ ހައުސިން އާއި ކޮންސްޓްރަކްޝަންގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ އެވެ. ސަރުކާރުން މިދިޔަ މަހުގެ 26 ގައި ވަނީ ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައިފަ އެވެ.
ތިން މިނިސްޓްރީ ހިންގަމުން އައި އިމާރާތްތައް ރޯވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާ އިރު، އެކަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.