އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން އެއް މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އުފުލުނު ދެ ދައުވާއަކަށް ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާކުރި އެވެ. މި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށް ދިނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އަދީބު ފައިސާ ދައްކާފައި ނުވާތީ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
މި މައްސަލައިގައި އަދީބުގެ ފަރާތުން ބުނެފައިވަނީ އެކީ އެއްފަހަރާ އެ ފައިސާ ދެއްކުމަކީ ދަތިކަމެއް ކަމަށާއި އެ ފައިސާ ދެއްކުމަށް ބޭނުންވާ ގޮތް ލިޔުމުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ޓަކައި ހަތް ދުވަހުގެ ފުރުސަތަކަށް އެދުނު ކަމަށެވެ. ނަމަވެސް ދައުލަތުން އެކަމަށް އެއްބަސްވެފައިނުވާތީ، މައްސަލަ ނިންމަވާއިރު، ޝަރީއަތުގެ އަޑުއެހުމަކާ ނުލައި ހުކުމްކޮށްދިނުމަށް އަދީބުގެ ފަރާތުން އެދިފައިވެ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އިއްޔެ އިން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އެއް މިލިއަން ރުފިޔާ ދައްކައި ހަލާސްކުރުމަށް އަދީބަށް އަންގާފަ އެވެ.
އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑީގައި ހުރި އެކެކެވެ.