ޖުމްލަ 44 ސްކޫލަކުން 120 ކެޑޭޓުންނާ އެކު ބޭއްވި 24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިން އައުޓް ޕެރޭޑް ރަސްމިއްޔާތުގައި ބާއްވައިފި އެވެ.
ގިރިފުށީ ޓްރެއިނިން ސެންޓަރުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
މިދިޔަ މަހުގެ 21 އިން އިއްޔެގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ކޭމްޕުގައި 66 ފިރިހެން ދަރިވަރުންނާއި 54 އަންހެން ދަރިވަރުން ބައިވެރިވި އެވެ. އަދި އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީ ލަންކާ އަދި ނޭޕާލް ހިމެނޭހެން، 12 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ 3 އޮފިސަރުން ކޭމްޕަށް ޒިޔާރަތްކޮށްފައިވެ އެވެ.
ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ދަރިވަރުގެ މަޤާމު ހާސިލުކުރީ، އއ. މަތިވެރި ސްކޫލުގެ، ކެޑޭޓް ކޯޕްރަލް މުޙައްމަދު ޒިމްޔާން އެވެ. އެންމެ މޮޅު އަންހެން ދަރިވަރުގެ މަޤާމު ހާސިލުކުރީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ފާޠިމަތު މައިހާ މުޙައްމަދެވެ. އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހާސިލުކުރީ މާފުށީ ސްކޫލުގެ، ކެޑޭޓް ސާޖަންޓް ޝައިމް ޝުވައިޒް އާދަމެވެ.
އެންމެ މޮޅު ޕްލެޓޫންގެ މަޤާމު ހާސިލުކުރީ މައިކް ޕްލެޓޫން އެވެ.
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ޤައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް ވެސް މި ރަސްމިއްޔާތުގައި ބެޖު ހަވާލުކޮށް ދިނެވެ. އެފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަ ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.
އަދި، އެ ޤައުމުތަކުގެ ކެޑޭޓުންނަށް ބެޖު ހަވާލުކޮށް ދެއްވީ، ނޭޝަނަލް ކެޑޭޓް ކޯގެ ޑިރެކްޓަރ، ނޭޝަނަލް ކެޑޭޓް ކޯގެ ކާނަލް މުޙައްމަދު އަޝްރަފެވެ.
ކޭމްޕުގައި ކިޔަވައި ދީފައި ވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ޤައުމީ ކެޑޭޓް ކޯގެ މުދައްރިބުންގެ ޓީމެއް ކޭމްޕްގައި ހަރަކާތްތެރިވެފައިވެ އެވެ.
ކެޑޭޓް ކޭމްޕްގެ މަގުސަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމެވެ. އަދި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށް ދިނުމެވެ.