ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ވިޔަފާރިކޮށްގެން މި ޖަނަވަރީ މަހު 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މި މުއްދަތުގައި ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން، 200 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގައި ދޭ ބޮޑު އިނާމުގެ އިތުރުން ގުރުއަތުން ހޮވޭ 5 މީހަކަށް ކޮންމެ ދުވަހަކު 1،000 ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކަސްޓަމަރުންގެ ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކޮށް، އެ ކަސްޓަމަރުންނަށް އަންގާނެ އެވެ.
ބީއެމްއެލް އަކީ 8،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބީއެމްއެލް ކާޑު ބޭނުންކުރެވެ އެވެ. ބީއެމްއެލް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، ބޭންކުގެ ޕާޓްނާ މާޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެ އެވެ.
މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވާޑް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެ އެވެ. ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗާވެސް ލިބޭނެ އެވެ.
ބީއެމްއެލްގެ މޮބައިން ބޭންކިން އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެ އެވެ.