Last Updated: February 5, 20:23
Wednesday, February 5, 2025
ޚަބަރު

އައްޑޫ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް މާލެ ގެންނާކަށް ނޫޅޭ

އައްޑޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން ގާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް މާލެ ގެންނަން އުޅޭ ވާހަކަތައް އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދޮގުކުރައްވައިފި އެވެ.

މުއްތަލިބް މިހެން ވިދާޅުވީ އައްޑޫ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް މާލެ ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޕޯސްޓަކާއި ގުޅިގެންނެވެ.

އެ ޕޯސްޓުގައިވާ ވާހަކަތައް ދޮގުކޮށް މުއްތަލިބް ވިދާޅުވީ އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭ ކަމަށާއި ޕަމްޕް ސްޓޭޝަންތަކުގައި ބަހައްޓާ ޕަމްޕުތައް އިންސްޓޯލްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް، ކޮންޓްރެކްޓަރު މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓާއި ހިފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އެފްކޮންސް އިން އައްޑޫގައި މަގުތައް ހަދަން 2021 ގައި ފެށި މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އައްޑޫގެ މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާއިރު، ދެވަނަ ފިޔަވަހީގައި ލިންކް ރޯޑުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް މުއްތަލިބް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

މުއްތަލިބް ވިދާޅުވީ އައްޑޫގެ ތަރައްގީއަށްޓަކައި ލިންކް ރޯޑު ފުޅާކުރެވި ޒަމާނީ ފެންވަރަށް އެ މަގު އަލުން ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.