Last Updated: April 2, 22:48
Wednesday, April 2, 2025
ދުނިޔެ

އެޕަލްގެ ސީއެފްއޯއަކަށް އިންޑިއާ ދަރިކޮޅު މީހެއް

ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ މީހަކު އައްޔަންކޮށްފި އެވެ.

އެ މަގާމުގެ މަސްއޫލިއްޔަތު އިއްޔެއިން ފެށިގެން ހަވާލުކުރީ އެޕަލްގައި މަސައްކަތްކުރައްވާތާ 11 އަހަރުވެފައިވާ އިންޑިއާ ދަރިކޮޅު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކެވަން ޕަރޭކް، 53، އެވެ. އޭނަ ސީއެފްއޯގެ މަގާމަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ އެޕަލްގެ ފައިނޭޝަލް ޕްލޭނިން އެންޑް އެނަލިސިސް ޑިޕާޓްމަންޓްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމުގަ އެވެ.

ކެވަން އަކީ ކުރިން ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޖެނެރެލް މޮޓޯސް (ޖީއެމް) އާއި ތޮމްސަން ރޮއިޓާސްގައި ވެސް މަސައްކަތް ކުރައްވާފައި ބޭފުޅެކެވެ. އެއިން ކޮންމެ ކުންފުންޏެއްގައި އޭނަ 5 އަހަރު މަސައްކަތް ކުރެއްވި އެވެ.

ކެވަން އަކީ މިޝިގަން ޔުނިވަސިޓީން އިލެކްޓްރިއަލް އިންޖިނިއަރިން އިން ބެޗްލާސް ޑިގްރީ އަދި ޝިކާގޯ ޔުނިވަސިޓީގެ ސްކޫލް އޮފް ބިޒްނެސް އިން އެމްބީއޭ ޑިގްރީ ހާސިލުކުރައްވާފައި ބޭފުޅެކެވެ.

އެޕަލްގެ އެންމެ ނުފޫޒު ފަދަ އެއް މަގާމަށް ކެވިން އައްޔަންކުރުމާ ގުޅިގެން، އޭނަ ދެން އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑްގައި ހިމެނިވަޑައިގަންނަވާނެ އެވެ.

އެޕަލްގެ ސީއެފްއޯގެ މަގާމުގައި އިއްޔެއާ ހަމައަށް ހުންނެވީ 2014 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި ލޫކާ މައެސްޓްރީ، 61، އެވެ.

އެޕަލްގެ ސީއީއޯ އަކީ ޓިމް ކުކެވެ.