Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

މިދިޔަ އަހަރަކީ އެންމެ ގިނަ ކާގޯ އެތެރެކުރި އަހަރު

މާލެ ވިޔަފާރި ބަނދަރު /ފޮޓޯ: އެމްޕީއެލް

މިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނަ ކާގޯ އެތެރެކުރި އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ކޮންޓެނަރައިޒް ކާގޯ ޖުމުލަ 66638 (ޓީއީޔޫސް) އެތެރެކުރެވިފައިވާ އިރު، 150692 (ފުރައިޓް ޓަންސް) ޖެނެރަލް ކާގޯ ރާއްޖެ އެތެރެ ކުރެވިފައިވާ ކަމަށެވެ. އެއީ 2023 ވަނަ އަރާ އަޅައި ބަލާ އިރު، ކޮންޓެނެރައިޒް ކާގޯ ހަތް ޕަސަންޓު އަދި ޖެނެރަލް ކާގޯ 29 ޕަސަންޓު އިތުރު އަދަދެއް ކަމަށް ވަޖީހު ވިދާޅުވި އެވެ.

"މީގެ ކުރިން މި ރެކޯޑު ގާއިމުކުރެވިފައި އޮތީ، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު ރާއްޖެ އެތެރެ ކުރެވިފައިވަނީ، 63002 ކޮންޓެއިނަރު (ޓީއީޔޫސް) އާއި 123669 ޖެނެރަލް ކާގޯ (ފުރައިޓު ޓަންސް) އެވެ. އަދި 2019 ވަނަ އަހަރުވެސް މާބޮޑު ތަފާތެއް އައިސްފައެއް ނުވެއެވެ..،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަށް ބަލާ އިރު، ކޮވިޑުގެ ދެ އަހަރު ދުވަހަށްފަހު ވެސް ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް ނާންނަ ކަމަށާއި އޭގެ މާނައަކީ ގައުމުގެ އިގުތިސާދަށް މާބޮޑު ދިރުމެއް އައިސްފައި ނުވުން ކަމަށެވެ.

"ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް، ރާއްޖޭގެ އިގުތިސާދަށް ދިރުން އައިސްފައިވާކަން ކަށަވަރުކޮށްދެނީ، ނިމިދިޔަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު އެހެން އަހަރުތަކާ އަޅައި ބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ގިނަ ޕްރޮޖެކުޓުތަކެއް 2025 ވަނަ އަހަރު ފެށިގެން ދިއުމުން ރާއްޖޭގެ އިގުތިސާދަށް ދުވަހަކުވެސް ނުލިބޭވަރުގެ ކުރިއެރުމެއް މިއަހަރު ލިބިގެންދާނެކަން ޔަގީނެވެ،" ވަޖީހު ވިދާޅުވި އެވެ.

މީގެއިތުރުން ވަޖީހު ވަނީ އެ ކުރިއެރުމާއެކު ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެތީ، ޕްރޮޖެކުޓުތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖުކުރުމަށްޓަކައި އެމްޕީއެލް އިން ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.