މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ 20 އެއާޕޯޓްގެ ކޮންސެޕްޓް ޑިޒައިން ނިންމައި، ބައެއް އެއާޕޯޓްތަކަށް މިހާރު އިންވެސްޓަރުން ވެސް ހޯދާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އެއާޕޯޓްކަށް ތަރައްގީ ކުރަން ޝައިގުވެރިކަން ފާޅުކުރި އިންވެސްޓަރުންނާ ގުޅޭ ލިޔެކިޔުންތައް އިކޮނަމިކް ކައުންސިލަށް ފޮނުވުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ސަރުކާރުން ދެން ނިންމަވާނީ އެއާޕޯޓްގެ މަސައްކަތް ކޮން ދިމާލަކަށް ކަމަށް، ނުވަތަ ކޮން ބަޔަކާކަން ހަވާ ލުކުރާނީ،" އޭނަ ވިދާޚުވި އެވެ. "ކުރެހުންތައް ތައްޔާރުކޮށް، އެއިން ކޮންމެ ތަނަކަށް ޚަަރަދުވާނެ ވަރު ބަލަމުން ދަނީ."
ރާއްޖޭގައި މި ވަގުތު 19 އެއާޕޯޓެއް ހިންގަ އެވެ. އެއީ އެއީ އިންޓަރނޭޝަނަލް ފަސް އެއާޕޯޓާއި 14 ޑޮމެސްޓިކް އެއާޕޯޓެވެ.
މިހާރު ވެސް ޑޮމެސްޓިކް ހަތަރު އެއާޕޯޓެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ މ. މުލީ އެއާޕޯޓާއި ފ. މަގޫދޫ އެއާޕޯޓާއި ރ. އަލިފުށްޓާއި ހދ.މަކުނުދޫ އެއާޕޯޓްގެ މަސައްކަތެވެ.
މީގެ ތެރެއިން ދެން އެންމެ އަވަހަށް ހުޅުވާނީ މުލީ އެއާޕޯޓެވެ. އެއީ އަންނަ މާޗް މަހު އެވެ.
މުބީން ވިދާޅުވީ އެއާޕޯޓްތައް ހިންގަމުން އަންނަ ރަށްތަކުގައި ވިޔަފާރިގެ އިތުރު ހަރަކާތްތައް ކުރިއަށްގެން ދެވޭނެ ގޮތްތަކެއް ވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލްތަކާ ގުޅިގެން އެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އެކަމަށްޓަކައި މާސްޓަޕްލޭން އެކުލަވާލުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.