ކީރިތި ގުރުއާނަކީ ބަލިތަކަށް އޮތް ޝިފާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުތުބާގައި ބުނީ ކީރިތި ޤުރްއާނަކީ މާތްالله އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނު ކަމަށާއި އެއީ މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖު ކަމަށެވެ. މުސްލިމުން ކީރިތި ޤުރްއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހޭ ކަމަށާއި ދަރީންނަށް ކީރިތި ޤުރްއާން އުނގަންނައިދީ، އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
"ކީރިތި ޤުރްއާނަކީ އަހުރެމެން މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާ އެވެ. އަދި ޤުރްއާނަކީ ބަލިތަކަށް އޮތް ޝިފާއެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ގުރުއާން ކިޔެވުމާއި ޤުރްއާނަށް ޢަމަލުކުރުމަކީ، ވާޖިބު ކަމަކަށްވާއިރު، ޤުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެއް ކަމަށާއި އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތް ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް ކަމަށާއި އަދި އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް މިއަދު ކީރިތި ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި، އެ ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަހުރެމެން ދީނާ ދުރުވެ، ޣައިރު މުސްލިމުންގެ ކުރިމަތީގައި އަހަރުމެން ނިކަމެތިވެފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.