ފަހު ވަގުތު 2-1 އިން ވެލެންސިއާ ބަލިކޮށް، ސްޕެނިޝް ލީގުގެ އެއްވަނަ މަގާމަށް ރެއާލް މެޑްރިޑް އަރައިފި އެވެ.
ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 19 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 18 މެޗުން 41 ޕޮއިންޓު ހޯދައިގެން އެތްލެޓިކޯ މެޑްރިޑް އޮތްއިރު، ތިންވަނައިގައި 19 މެޗުން 38 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 27 ވަނަ މިނެޓްގައި ހޫގޯ ޑޫރޯ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 55 ވަނަ މިނެޓްގައި ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޖޫޑް ބެލިންހަމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
އޭގެ އިރުކޮޅެއް ފަހުން ކިލިއަން އެމްބާޕޭ ރެއާލަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެމްބާޕޭ އޮފްސައިޑުގައި ހުރުމުން އެ ގޯލު ކެންސަލްކޮށްފަ އެވެ. މެޗުގެ 79 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ އަށް ދެއްކި ރަތްކާޑާއެކު ރެއާލުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. ވިނީޝަސް އަށް ރަތްކާޑު ދެއްކީ ވެލެންސިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހުމުންނެެވެ.
ރެއާލަށް މެޗުގެ 85 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ލޫކަ މޮޑްރިޗް އެވެ. މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބެލިންހަމް އެވެ. މިއީ ވެލެންސިއާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ބެލިންހަމް ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ.