ފަށައިގަތުން
އިނގިރޭސިންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަންސާސް
އަހަރު ފުރުން މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި މިހާރު ފާހަގަ
ކުރަމުންދާއިރު އައްޑު އަތޮޅު ގަމޭ އިނގިރޭސިންނޭ ކިޔައިގެން ވަރަށް ގިނަ
މީހުން ވާހަކަ ދައްކާތަން އެބަފެނެއެވެ. ކުރީގެ ރައީސް އިބްރާހިމް
ނާސިރުގެ ހިކުމަތުއަމަލީގެ މޮޅުކަމާއި ބެހޭގޮތުން ޒާތްޒާތުގެ ކޮމެންޓަރީ
އެބަފެނެއެވެ. ނާސިރުގެ ވެރިކަމުގައި އިސްމަގާމުތަކުގައި ތިއްބެވި
ބޭފުޅުންގެ އަނގައިން ނާސިރަށް ސަނާ ކިޔުމުގެ އޮއިވަރެއް ވަނީ
ފެށިފައެވެ.
ނާސިރަށް ހައްގުވެގެންވާ ޝުކުރު އޭނާއަށް ދޭން ޖެހޭނެއެވެ. އެއީ އެއްވެސް
ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމައެގޮތަށް ނާސިރު ގޯސްކޮށް ކަމެއް
ކުރައްވާފައިވާނަމަ އެވާހަކަވެސް ދައްކަން ޖެހޭނެއެވެ. މިގޮތުން
ވިސްނާއިރު އައްޑު އަތޮޅާއި މެދު ނާސިރު ކަންތައް ކުރައްވާފައިވާ ގޮތް
މިދަނޑިވަޅުގައި ދެއްކުމަކީ ކުރަން ޖެހޭނެ ކަމެއްކަމުގައި ފެނެއެވެ.
އެހެންވީމާ ލިޔާން ކަމަށް މިއުޅެނީ އެވާހަކަތަކެވެ. އެއީ އައްޑޫ
ރައްޔިތުންނާއި އިނގިރޭސިންނަށް ނާސިރު އޮޅުވައިލެއްވުމާއި ގަން ދޮވެލި
ގޮތުގެ ވާހަކައެވެ. ވާހަކައާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ.
އިނގިރޭސިންނަށް ގަން ކުއްޔަށް ދިނުން
ސިލޯނަށް 1948 ވަނަ އަހަރުގެ ފެބްރުއަރީގައި މިނިވަންކަން ދިނުމަށްފަހު
އިނގިރޭސިން އަވަސްވެގަތީ އިންޑިޔާ ކަނޑުގައި އިނގިރޭސި ސިފައިންގެ
ސްޓޭޖިން ޕޯސްޓެއް އަލުން ގާއިމް ކުރުމަށެވެ. މިކަންކުރާނެ ރަށަކީ އައްޑޫ
ގަންކަމުގައި ކަނޑައެޅުމަށްފަހު ދިވެހި ސަރުކާރާއި މަޝްވަރާކޮށްގެން 1957
ގައި ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާއި ދެމެދު ސިލޯނުގެ
ކޮޅުނބުގައި އެގްރިމަންޓެއް ކުރެވުނެވެ. މިއެގްރިމަންޓުގައި ދިވެހި
ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރު ހުންނެވި ބޮޑުވަޒީރު އިބްރާހިމް
ފާމުލަދޭރި ކިލެގެފާނެވެ. މި އެގްރިމަންޓުގެ ދަށުން ސަތޭކަ އަހަރުގެ
މުއްދަތަކަށް އިނގިރޭސި ދައުލަތަށް ގަން އޮތީ ކުއްޔަށް ދޫކުރެވިފައެވެ.
ކުއްޔަކީ އަހަރަކު ދެހާސް ޕައުންޑެވެ.
މި އެގްރިމަންޓު ދިވެހި ރައްޔިތުންގެ މަޖިލީހަށް ބޮޑުވަޒީރު
ހުށައެޅުއްވުމުން މަޖިލީހާއި ރައްޔިތުން އެއްބަސްވުން ބަލައެއް ނުގަތެވެ.
އެކަމަކު ގަމުގައި ސްޓޭޝަން ހެދުމުގެ މަސައްކަތް އޭރު އިނގިރޭސިން ވަނީ
ފަށާފައެވެ. މަޖިލީހުން ބޭނުންވީ އެ މަސައްކަތް ހުއްޓުވުމަށެވެ.
މިއަރައިރުމުގައި ބޮޑުވަޒީރުކަމުން 11 ޑިސެމްބަރު 1957 ގައި އިބްރާހިމް
ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވައިފިއެވެ. ހަމައެދުވަހު ވެލާނާގޭ
އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމަށް އައްޔަން ކުރެވިއްޖެއެވެ. ނާސިރު
ބޭނުންފުޅުވީ ގަމުގެ މަސައްކަތް ހުއްޓުވުމަށެވެ. މަސައްކަތް
ހުއްޓައިލާކަށް އިނގިރޭސިން ބޭނުމެއް ނުވިއެވެ. މިއަރައިރުން
ބޮޑުވެގެންގޮސް އެންމެފަހުން އައްޑޫ ރައްޔިތުންނަށް ހިތްވަރު ދީގެން 1959
ގައި ސުވާދީބުގެ ނަމުގައި ވަކި ދައުލަތެއް އިނގިރޭސިން އުފަން
ކުރުވައިފިއެވެ.
ނާސިރު ހެއްދެވި ގޮތަކީ އިނގިރޭސިންނާ ދޭތެރޭ ހަރުކަށި ގޮތް ދޫކުރައްވައި
ގަން ކުއްޔަށް ދިނުމުގެ މުއްދަތާއި މެދު އަލުން މަޝްވަރާ ކުރައްވައި
ސަތޭކަ އަހަރުގެ ބަދަލުގައި ތިރީސް އަހަރުގެ މުއްދަތަށް ކުއްޔަށް
ދިނުމުގެ އެއްބަސްވުމެއް ހެއްދެވީއެވެ. އާއެއްބަސްވުމުގައި ސޮއިކުރީ 1960
ވަނަ އަހަރުއެވެ. އެއްބަސްވުމުގައި ކުލީގެ މުއްދަތު ފެށެނީ 1956
އިންނެވެ. މުއްދަތު ނިމެނީ 1986 އަށެވެ. ކުއްޔަކީ އަހަރަކު އެއްލައްކަ
ފަންސަވީސް ހާސް ޕައުންޑެވެ.
އާ އެއްބަސްވުމުގެ ދަށުން ގަމުގައި ދެމިތިބުމާއި ސްޓޭޝަން ތަރައްގީ
ކުރުމުގެ ގާނޫނީ ބާރު އިނގިރޭސިންނަށް ލިބުނީއެވެ. ސުވާދީބު ދައުލަތް
ދެމެހެއްޓުމުގެ ބޭނުންވެސް ނެތުނީއެވެ. އެއްބަސްވުން ގާއިމް ކުރެވުނުއިރު
އަދި ސުވާދީބު ދައުލަތް ދެމިއޮތެވެ. ނާސިރު ހެއްދެވި ގޮތަކީ މޯލްޑިވް
ސްޓަރ ކިޔާ އާގުބޯޓެއްގައި ހުވަދު އަތޮޅަށް ވަޑައިގެން ތިނަދޫ
ތަޅާލައްވައި ސުވާދީބުގެ ދަށުން ހުވަދޫ ވަކި ކުރެއްވީއެވެ. އިނގިރޭސިން
ހަމައަޅާވެސް ނުލައި ތިއްބެވެ. އެންމެފަހުން 1963 ގައި ސުވާދީބު ދައުލަތް
އުވާލައި ދިވެހި ދައުލަތާއި އަލުން ގުޅުމަށް އިނގިރޭސިން
އަމުރުކޮށްފިއެވެ.
އެހިސާބުން ސުވާދީބު ދައުލަތުގެ އުމުރު ހަމަވީއެވެ. ސުވާދީބުގެ ރައީސް
އަފީފު ދީދީއަށް ވެސް އިނގިރޭސިން ދިނީ ކޮޅު ކެއްސެވެ. އިނގިރޭސިން ވެސް
އަދި އެހެން ދައުލަތަކުންވެސް ސުވާދީބު ދައުލަތް ރަސްމީ ގޮތުން ގަބޫލެއް
ނުކުރެއެވެ. ދައުލަތް އުވާލީމާ އަފީފާއި އޭނާގެ އާއިލާ ގޮވައިގެން
އިނގިރޭސިން ގެންދިޔައީ ސިޝެލްސްއަށެވެ. މުޅި ކަންތައްގަޑަކީ
އިނގިރޭސިންގެ މަސްލަހަތަށްޓަކައި ކުޅުވި ޑްރާމާއެކެވެ.
ގަމުން ފައިބަން ނިންމުން
އިނގިރޭސިން ގަމުން ފޭބުމުގެ ނިންމުން އައީ ވަރަށް ކުއްލިގޮތަކަށް ވަރަށް
އަވަސް ނިންމުމެއްގެ ގޮތުގައެވެ. މިކަމުގެ ސުރުޚީ އެންމެ ފުރަތަމަ
އެޅުއްވީ އިނގިރޭސި ޕާލަމެންޓަށް ދިފާއީ ވަޒީރު ރޯއި މޭސަން 3 ޑިސެމްބަރު
1974 ގައި އިއްވެވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އޮޔާއި ވައި
ހުރިގޮތާއި ބާރުގެ ތިލަފަތް ހުރިގޮތުން ސުއޭޒްގެ އިރުމަތިން އިންޑިޔާ
ކަނޑުގައިވާ އިނގިރޭސިންގެ އަސްކަރީ ދެމަރުކަޒެއް ބަންދުކުރަން
ނިންމާފައިވާ ކަމަށެވެ. އެ ދެތަނަކީ މޮރިޝަސްގައިވާ މަރުކަޒަކާއި އައްޑޫ
ގަމުގައިވާ މަރުކަޒެވެ.
ގަމާއި މޮރިޝަސްގެ މުހިއްމުކަން އިނގިރޭސިންނަށް ގެއްލުނީ ގަމުގެ
ދެކުނުން ޑިއޭގޯ ގާސިއާގައި އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް
ގާއިމް ކުރުމުންކަމަށް ވެސް ރޯއި މޭސަންގެ ބަޔާނުގައި ފާހަގަ
ކުރެއްވިއެވެ.
ފެބްރުއަރީ 1975 ގައި އިނގިރޭސި ވައިގެ ސިފައިންގެ ވެރިޔާ އެއަރޗީފް
މާޝަލް ސާރ އެންޑްރޫ ހަމްފްރީ ގަމަށް ވަޑައިގެން ގަމުގައި ތިބި
އިނގިރޭސިންނާއި މުޅި އައްޑޫ ރައްޔިތުންނަށް މިނިންމުން އިއުލާން
ކުރެއްވިއެވެ. އޭނާ ވިދާޅުވީ ގަމުގެ އެގްރީމަންޓު ހަމަވާން ބާކީ ދިހަ
އަހަރު އަދި އޮތްކަމުގައި ވިޔަސް ކުރިއަށް އޮތް 18 މަސް ދުވަހުގެ
ތެރޭގައި އިނގިރޭސި ސިފައިން ފައިބައި ގަން ދިވެހި ސަރުކާރާ ހަވާލުކުރަން
އިނގިރޭސި ސަރުކާރުން ނިންމައިފި ކަމަށެވެ.
ފޭބުމާއި ބެހޭ މަޝްވަރާތައް
ގަމުން ފައިބަން ނިންމުމާއިއެކު މިކަން ދިވެހި ސަރުކާރަށް އެންގުމަށާއި
ފޭބުމަށްފަހު ދެން ކަންތައް ކުރާނެ ގޮތަކާއި ދޭން ޖެހޭ ބަދަލަކާއި
ނިންމަން ޖެހޭ ނިންމުނަތަކާ މެދު މަޝްވަރާ ކުރުމަށް އިނގިރޭސި ވަފުދެއް
ފުރަތަމަ މާލެ ދިޔައީ 15 މާޗް 1975 ގައެވެ. މި ވަފުދުގެ ވެރިޔަކީ
ސިލޯނާއި ރާއްޖެއަށް ކަނޑައެޅިފައި ހުންނަވާ އިނގިރޭސި ސަފީރު
ސުމެޑްލީއެވެ. އޭނާ މާލޭގައި ތިން ދުވަހަށް މަޑު ކުރައްވައި ފިނޭންސް
މިނިސްޓަރ އަބްދުއްސައްތާރު މޫސާ ދީދީ އާއި ފިޝަރީޒް މިނިސްޓަރ އަހުމަދު
ހިލްމީ ދީދީ އާއި އެޓާނީ ޖެނެރަލް އިބްރާހިމް ޝިހާބާއި
ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
މަޝްވަރާތަކުގެ އަމާޒަކީ އިނގިރޭސިން ފޭބުމަށް ފަހު އައްޑޫ
ރައްޔިތުންނަށް ދިމާވާނެ އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށް ގަމުގެ
ވަސީލަތްތައް ބޭނުން ކުރުމުގައި ސަރުކާރަށް ކުރެވިދާނެ ކަންތައް
އެކަށައެޅުމެވެ. އެމްބެސެޑަރ މާލެ ވަޑައިގެންނެވިއިރުވެސް ދިވެހި
ސަރުކާރަށް އޮތީ ގަމުން އިނގިރޭސިން ކުއްލިގޮތަކަށް ފައިބަން
ނިންމައިފިކަމުގެ ޚަބަރު ލިބިފައެވެ. އެހެންވީމާ މިކަމުގައި ގެންގުޅޭނެ
ސްޓްރެޓެޖީ ނާސިރު އޮތީ ރާއްވަވައިފައެވެ.
އެ ސްޓްރެޓެޖީއަކީ އައްޑު އަތޮޅުގެ ރައްޔިތުންނަށް އިންތިހާ ދަރަޖައިގެ
ހަމްދަރުދީ ފާޅުކުރުމާއި އިނގިރޭސިން އައްޑޫގައި ދެމިތިބުމަށް އެދޭކަމާއި
ފައިބާނަމަ އައްޑޫ ރައްޔިތުންނަށް ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެ
ޝަރުތުތައް ކުރިމަތިކުރުމެވެ. މިކަމުގެ ތެރެއިންވެސް ނެގެން ހުރި
އެންމެހައި އެޑްވާންޓޭޖުތައް ނެގުމެވެ. އެހެންކަމުން އިނގިރޭސި
އެމްބެސެޑަރާއި ބައްދަލު ކުރެއްވި ތިން ވަޒީރުންގެ ބަސްމަގު ބައްޓަން
ކުރެއްވީވެސް މިގޮތަށެވެ. އިނގިރޭސި އެމްބެސެޑަރާއި ނާސިރު ބައްދަލެއް
ނުކުރައްވައެވެ.
އެމްބެސެޑަރ ސުމެޑްލީ އަރިހުގައި ދިވެހި ވަޒީރުން ވިދާޅުވީ 1960
ވަނައަހަރު ގަން ކުއްޔަށް ދޫކުރުމާއި ބެހޭ ގޮތުން ވެވުނު އެއްބަސްވުމަށް
އިނގިރޭސިން ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
އެއްބަސްވުމުގައި އަދި ބާކީ ދިހަ އަހަރު އޮއްވައި މިހާ ކުއްލިގޮތަކަށް
ފައިބައިގެން ދިއުމުން އައްޑޫ ރައްޔިތުންނާ ދޭތެރޭ ކަންކުރާނެ ގޮތެއް
ރޭވިފައި ނެތް ކަމަށާއި މިހާރު ރާވާނެ ވަގުތެއް ނެތްކަމަށް ވެސް
ވިދާޅުވިއެވެ. އެއްބަސްވުމުގައި އޮތީ 1986 އާ ހަމައަށް ދެމިތިބުން
ކަމަށްވާއިރު އެކަން ކުރެވެން ނެތްނަމަ މަދަނީ އެއަރޕޯޓެއްގެ ގޮތުގައި
ގަން ހިންގައި ދިނުމަށާއި އައްޑޫ ލޭބަރުންނަށް އެހާތަނަށް މުސާރަ ދެމުން
ގެންދިއުމަށް ވެސް އެދިވަޑައިގަތެވެ.
މިކަން ނުކުރާނަމަ ފައިބާ ދުވަހުން ފެށިގެން ގަމުގައިވާ ހުރިހާ
ވަސީލަތެއްގެ މިލްކުވެރިކަން ދިވެހި ސަރުކާރަށް ލިބޭނެ ކަމަށާއި ދިވެހި
ސަރުކާރު ބޭނުންހާ ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވެ
އިންޒާރު ވެސް ދެއްވިއެވެ. މިއީ ރަޝިޔާ ނުވަތަ ޗައިނާއަށް ގަމުގައި
އަސްކަރީ ބޭހެއް ހިންގުމުގެ އިޒުނަ ދެވިދާނެ ކަމުގެ ސިގުނަލެކެވެ. މިއީ
އިނގިރޭސިން އެއްގޮތަކަށް ވެސް ރުހޭނެ ކަމެއް ނޫންކަން ދިވެހި ސަރުކާރަށް
އެގެއެވެ. އެހެންވެ މިއީ އިނގިރޭސިން ގަމުގައި ބޭތިއްބުމަށް ނުވަތަ ގިނަ
އަދަދެއްގެ ފައިސާ އަތުލުމަށް ޖެހި ރޮކެޓެކެވެ.
މިވާހަކަތަކުގެ ޖަވާބުގައި އެމްބެސެޑަރ ސުމެޑްލީ ވިދާޅުވީ މުއްދަތު
ހަމަވުމުގެ ކުރިން ފޭބިޔަސް އެގްރިމަންޓުގައި ބަޔާންވެގެންވާ މުއްދަތު
ހަމަވުމުގެ ކުރިން އެހެން އެއްވެސް ބައެއްގެ އަސްކަރީ ކަމަކަށް ގަން
ބޭނުން ނުކުރެވޭނެ ކަމަށެވެ. ގަމުން އިނގިރޭސިން ފޭބުމަކީ އެގްރިމަންޓު
އުވާލުމެއް ނޫންކަމަށާއި ދިވެހި ސަރުކާރަށް ވެސް އަމިއްލަ އަމިއްލައަށް
އެގްރިމެންޓް ބާތިލު ނުކުރެވޭނެ ކަމަށެވެ. ކޮންމެއަކަސް މި މަޝްވަރާތައް
ނިންމާލީ އިތުރު މަޝްވަރާތައް އެކި ފެންވަރުގައި ކުރިއަށް ގެންދިއުމަށް
އެއްބަސްވުމަށްފަހުގައެވެ.
ކޮލި އަލިމަނިކު މަޝްވަރާތަކަށް ވަނުން
ކޮލި އަލިމަނިކަކީ އޭރު ނާސިރުގެ ހަތަރު ނާއިބު ރައީސުންގެ ތެރެއިން
އެކެކެވެ. އެއީ ނާސިރުގެ ވިޔަފާރިއާ ބެހޭ ވަޒީރެވެ. މިނިސްޓަރ އޮފް
ކޮމާޝަލް އެފެއާޒްއެވެ. ގަމުން އިނގިރޭސިން ފޭބުމާއި އައްޑޫ
ރައްޔިތުންނަށް ލިބެން ޖެހޭ ބަދަލުތަކާއި ބެހޭ ގޮތުން އިނގިރޭސިންނާއި
މަޝްވަރާ ކުރުމުގެ ހުރިހާ ބާރެއް ނާސިރު ދެއްވީ އަލި މަނިކަށެވެ.
އަލިމަނިކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ މަޝްވަރާޔަކީ 1975 ގެ
މެދުތެރޭގައި އިނގިރޭސި ޑިފެންސް މިނިސްޓްރީގެ ޓީމެއް މާލެ ގޮސް ބޭއްވި
މަޝްވަރާތަކެވެ. އެ ޓީމުގައި ކޮޅުނބުގައި ހުންނަ އިނގިރޭސި އެމްބަސީގެ
ޑިފެންސް އެޑްވައިޒަރާއި ގަމުގައި ހުންނަވާ ދިވެހިންގެ ކަންތަކާ ބެހޭ
އޮފިސަރު ހިމެނުނެވެ. މި ޓީމުގެ ބޮޑު ބޭނުމަކީ އިނގިރޭސިން ފައިބާއިރު
ދިވެހި ސަރުކާރަށް ދޫކޮށްފައިދާ ތަކެތީގެ ލިސްޓެއް ދިނުމެވެ. އަދި
ގަމުގައި އޭރު ތިބި އައްޑޫ ލޭބަރުންގެ މުސާރައަށް ގެނައި ބަދަލާއި އެފަދަ
ލޭބަރުން ވަޒީފާއިން މުޅިން ވަކިކުރާއިރު ދޭނެ ބަދަލާއި މެދު
އެއްބަސްވުމެއް ގާއިމްކުރުމެވެ.
މި މަޝްވަރާތަކުގައި ސަރުކާރުގެ އާ ސްޓްރެޓެޖީ އަލިމަނިކު
ހުށައަޅުއްވައިފިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގަމުގައި
ވީހާވެސް އަވަހަށް އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިންގަން ކަމަށެވެ.
އެހެންވީމާ މީހުން ތަމްރީނުކޮށްދިނުމާއެކު ގަމުގައި ހުރި ހުރިހާ އެއްޗެއް
އޮޕަރޭޝަނަލް ލެވެލްގައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްވަރާއެއް ކުރައްވާފައި އަލިމަނިކު 1975 ނޮވެމްބަރުގައި ގަމަށް
ވަޑައިގެން އަމިއްލައަށް ބައްލަވާފައި އޭނާ ބޭނުންފުޅުވާ ހުރިހާ ސާމާނެއް
ގަމުގައި ބެހެއްޓުމަށް އެދިވަޑައިގަތެވެ. އެއީ އައްޑޫގެ ތަރައްގީ
ޔަގީންކުރުމަށް ކޮންމެހެންވެސް މުހިއްމު ތަކެތިި ކަމުގައި ވިދާޅުވިއެވެ.
ފިކްސްޑް އެސެޓުތަކާއި މޫވަބްލް އެސެޓްސް ފާހަގަކުރައްވައި އެހުރިހާ
އެއްޗެއް ބަހައްޓާފައި ދިއުމަށް އަލި މަނިކު އެދިވަޑައިގެންނެވިއެވެ.
މީގެ ޖަވާބުގައި އިނގިިރޭސިން އެންމެ ފުރަތަމަ ބުނީ ފިކްސްޑް އެސެޓްތައް
ލިބިދާނެ ކަމަށެވެ. އެކަމަކު މޫވަބްލް ހުރިހާ އެސެޓެއް ނުލިބޭނެ ކަމަށާއި
އޭގެ ތެރެއިން ބައެއްތަކެތި ދިވެހި ސަރުކާރަށް ޖެހޭނީ ފައިސާ ދީފައި
ގަންނާން ކަމަށް ވެސް ބުންޏެވެ. އަލިމަނިކު ވިދާޅުވީ ލާރިއެއް ނެތް
ކަމަށެވެ. އެހެންވީމާ ނުގަނެވޭނެ ކަމަށެވެ.
އަލިމަނިކުގެ މަޅީގައި އިނގިރޭސިން ޖެހުން
ގަން ކުއްޔަށް ހިފާފައި އޮތީ އަހަރަކު އެއްލައްކަ ފަންސަވީސް ހާސް
ޕައުންޑް ދިވެހި ސަރުކާރަށް ދޭ ގޮތަށެވެ. އިނގިރޭސިން ފައިބަން މިއުޅެނީ
ބާކީ އަދި ދިހަ އަހަރު އޮއްވައެވެ. އެ ދިހަ އަހަރުގެ ކުލީގެ ވާހަކަ
އިނގިރޭސިން ނުދައްކައެވެ. ހައްތާވެސް މިކިޔަނީ ރޫސީންނާއި ޗައިނާ ފަދަ
ތަނެއްގެ އަސްކަރީ ކަމަކަށް އެ ދިހަ އަހަރުވުމުގެ ކުރިން ނުދެވޭނެ ވާހަކަ
އާއި އެގްރިމަންޓު އުވާނުލާ ވާހަކައެވެ. އެހެންވީމާ ސީދާ ކުއްޔޭ
ވިދާޅުނުވެ އެ ދިހަ އަހަރަށްވާ ފައިސާ އިނގިރޭސިންގެ އަތުން ހޯދުމަށް
އަލި މަނިކު އިސްކަން ދެއްވިއެވެ.
މިގޮތުން އަލި މަނިކު މަސައްކަތް ކުރެއްވީ ރާއްޖެއަށް އެއް މިލިއަން
ޕައުންޑަށް ވުރެ ބޮޑު އަދަދެއް ގެއްލިގެންދާތީ އާއި އިނގިރޭސިންގެ
މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ގަން އެހެން ބަޔަކަށް ކުއްޔަށް ދޭން
ބޭނުން ނުވާތީ ގަމުގައި ހުރި އިނގިރޭސިންގެ މުދާ ރާއްޖެއަށް ލިބޭނެ ގޮތް
ރޭއްވެވުމަށެވެ. ގަމުގެ ތަރައްގީއޭ އައްޑޫ ރައްޔިތުންގެ ދުޅަހެޔޮކަމޭ
ވިދާޅުވެ އައްޑޫ ތަރައްގީ ކުރުމުގެ ޕްރޮޕޯސަލްތައް އަލި މަނިކު
ހުށައެޅުއްވީ މި މަގްސަދުގައެވެ.
އަލި މަނިކު ބޭނުންފުޅުވީ ގަމުގެ ހޮސްޕިޓަލްވެސް ހުރިހާ
ސާމާނަކާއެކުގައެވެ. ޚިދުމަތް މެދުނުކެޑޭ ގޮތަށެވެ. ހުވަދޫ ކަނޑުން
ދެކުނުގެ އެންމެނަށް ޚިދުމަތް ލިބޭގޮތަށް ހޮސްޕިޓަލް ތަރައްގީ ކުރާނެ
ކަމަށް ވިދާޅުވިއެވެ. މިކަމާ އިނގިރޭސިންވެސް ހައިރާންވިއެވެ. އެމީހުން
އެންމެ އާދައިގެ ގޮތަކަށް ޚިޔާލުކުރިކަންތައް މާބޮޑަށްވެސް ތަރައްގީ
ކުރަން އަލިމަނިކު ބޭނުންފުޅުވެއެވެ. އަނެއްކޮޅުން ހޮސްޕިޓަލަކީ އައްޑޫ
ރައްޔިތުންގެވެސް އެންމެ އަސާސީ އެއް ބޭނުމެވެ. ވީމާ އިނގިރޭސިން ތިބީ
ހިތްހަމަޖެހިފައެވެ. ނަފީން ލިބޭ ތަކެތި ކައިގެން އައްޑޫ އަންހެނުންނަށް
ލިބޭ ދަރިންގެ ސައިޒު ބޮޑެތިވީމާ ގިނަފަހަރަށް ސެޒޭރިއަން ހަދަން
ޖެހެއެވެ. ހޮސްޕިޓަލުގެ ޚިދުމަތް މެދުކެޑިއްޖެނަމަ އެމީހުން ވާނީ މަރެވެ.
އެހެންވެ ހަސްފަތާލުގެ ޚިދުމަތް މެދުނުކަޑަން އިނގިރޭސިން ބޭނުންވެއެވެ.
އެހެންނޫނީ ދުނިޔޭގައި އިނގިރޭސިން ބަދުނާމުވެދާނެއެވެ.
މި ސަބަބަށްޓަކައި އިގިރޭސިން ފައިބަމުން ޑޮކަޓަރަކާއި ނަރުހަކު
ބެހެއްޓުމަށް އެއްބަސްވިއެވެ. އަދި ހުރިހާ ސާމާނަކާއި މެޑިކަލް ސްޓޮކް
ވެސް ބެހެއްޓުމަށް އެއްބަސްވިއެވެ. ގަމުގެ ކޮމިނިކޭޝަން ސިސްޓަމް،
އިންޖީނުގެ، ތެޔޮ ޓޭންކުތައް ވެސް ދޭން އެއްބަސްވިއެވެ. ދިވެހިންގެ
ތެރޭގައި އެތަކެތި ބެލެހެއްޓޭ ފެންވަރުގެ މީހުން ނެތުމާއެކު އަލި މަނިކު
ވިދާޅުވީ ހޮސްޕިޓަލް ހިންގަން ޑަބްލިއުއެޗްއޯގެ އެހީއަށް އެދިފައިވާނެ
ކަމަށާއި އިންޖީނުގެ އާއި ތެޔޮ ޓޭންކުތައް ބަލަހައްޓަން ބޭރުން
ތަޖުރިބާކާރުން ގެންނާނީ ކަމަށެވެ.
ނާސިރުގެ ސިއްރު ހުށައެޅުއްވުންތައް
ކޮޅުނބުގައި ހުންނަވާ އިނގިރޭސި އެމްބެސެޑަރ މެދުވެރި ކުރައްވައި ސީދާ
ރައީސް ނާސިރު ވެސް ގެންދެވީ އިނގިރޭސި ސަރުކާރާ ވާހަކަ
ދައްކަވަމުންނެވެ. ނާސިރު އެދިވަޑައިިގަތީ 12 މަސްވަންދެން ގަމުގެ
ހޮސްޕިޓަލާއި ކޮމިނިކޭޝަން ސެންޓަރުތަކުގައި އަދި އިންޖީނުގޭގައި
އިގިރޭސި ތަޖުރިބާކާރުން ބޭތިއްބުމަށެވެ. ނާސިރު ވިދާޅުވީ 1977 ގެ
މެދުތެރޭގައި ބޭރުގެ އެހީތެރިކަމެއް ނެތަސް ދިވެހިން އަމިއްލައަށް
އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިންގޭވަރުވާނެ ކަމަށެވެ.
ނާސިރުގެ ހުށައެޅުއްވުމުގައި އޮތީ ދެ ކަމެކެވެ. އެއީ ގަމުގައި ހޮލިޑޭ
ރިސޯޓެއް ހިންގައި ޓޫރިޒަމް ތައާރަފް ކުރުމާއި ގަމުގައި އިންޓަރނޭޝަނަލް
އެއަރޕޯޓެއް ހިންގުމެވެ. އޭރު ނާސިރުގެ ބެއްލެވުމުގެ ދަށުން މާލެ
އަތޮޅުގައި ޓޫރިޒަމް އޮތީ ތައާރަފް ކުރެވިފައެވެ. އެހެންވީމާ މިކަމަކީ
ނާސިރުގެ ޒައާމަތުގައި ކުރެވިދާނެ ކަމެއްކަމަށް އިގިރޭސިންނަށް ވެސް
ގަބޫލުކުރެވެއެވެ. އެކަމަކު ނާސިރަކީ ނާސިރު ކަމުން އޭނާއަށް އިތުބާރު
ކުރުން ބުއްދިވެރި ނޫން ކަމަށް އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް
ފޯރ ޑިފެންސް ވިލިއަމް ރޮޖާސް އާއި އަންޑަރ ސެކްެޓަރީ ފޯރ ފޮރިން އެންޑް
ކޮމަންވެލްތު އޮފީސް ޓެޑް ރޯލެންޑްސް އާއި ސްޓޭޓް މިނިސްޓަރ ފޯރ
އޮވަރސީސް ޑިވެލޮޕްމަންޓް ރެޖިނާލްޑް ޕްރެންޓިސް ހަމަ ފާޅުގައި
ވިދާޅުވަމުން ގެންދެވިއެވެ.
އެބޭފުޅުން މިގޮތަށް ވިދާޅުވިއަސް ބޮޑުވަޒީރު ހެރަލްޑް ވިލްސަން ވިސްނެވީ
އަދި އެއް ފުރުސަތު ނާސިރަށް ދެއްވުމަށެވެ. އެހެންވެ ނާސިރު
އެދިވަޑައިގެންނެވި ގޮތަށް އިތުރު ދޮޅުލައްކަ ޕައުންޑްގެ ތަކެތި ގަމުގައި
ބަހައްޓަން އިނގިރޭސިން އެއްބަސްވިއެވެ.
ނާސިރާއި އަލިމަނިކު ދައްކަވަމުން ގެންދެވި ގަމުގައި ހޮލިޑޭ ރިސޯޓެއް
ހަދައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ގާއިމްކުރުމުގެ ވާހަކަ
އިނގިރޭސިންނަށް ކަމުދިޔަ މިންވަރު ބޮޑުކަމުން އެކަން ކުރާނެ ގޮތުގެ
ދެލިކޮޕީވެސް އިނގިރޭސިން ހަދައިދިނެވެ. މިކަން ހަވާލުކުރީ
އިންޓަރނޭޝަނަލް އެރޭޑިއޯ ލިމިޓެޑް ކިޔާ އިނގިރޭސި ކުންފުންޏަކާއެވެ.
އެމީހުން ގަމަށް ގޮސް ސާވޭކޮށް ހެދި ރިޕޯޓު ދިވެހި ސަރުކާރާ
ހަވާލުކުރިއެވެ. މީގެ އިތުރުން ގަމަށް ޓޫރިސްޓުން އުފުލުމާ ބެހޭ ގޮތުން
ބްރިޓިޝް އެއަރވޭޒް އާއި ޖަރުމަނުގެ ޓުއަރ އޮޕަރޭޓަރުންް ގަމަށް ގެންގޮސް
އަލިމަނިކާއި ބައްދަލު ކުރުވައި މިކަން ކުރެވޭނެ މަގު އަލިމަނިކަށް
ދައްކައިވެސް ދިނެވެ.
އައްޑޫ ރައްޔިތުންނަށާއި އިނގިރޭސި ސަރުކާރަށް ނާސިރާއި އަލި މަނިކު
ދެއްކެވީ އިންޓަރނޭޝަނަލް އެއަރޕޯޓަކާއި ޓޫރިޒަމްގެ ހުވަފެނެވެ. އެކަމަކު
އައްޑޫ ރައްޔިތުންގެ ތެރޭން ގިނަބަޔަކު މިބަހަށް އިތުބާރެއް ނުކުރެއެެވެ.
ނާސިރަކީ ނާސިރުކަމުން އޭނާއަށް އިތުބާރެއް ނުކުރެއެވެ.
ފުރަތަމަ ރާއްޖެއަށް މިކަންކަން ކުރެވިދާނެ ކަމަށް އިނގިރޭސިންނަށް
ނުފެނުނު ކަމަށް ވިޔަސް އަލިމަނިކުގެ ވާހަކަފުޅު ހުރިގޮތުންނާއި އަދި
އަލިމަނިކުގެ ވަނަވަރަށް ބަލާފައި ރާއްޖޭގައި މިޒާތުގެ ކަމެއް ކުރެވެންޏާ
އެމީހަކީ އަލިމަނިކު ކަމަށް އިނގިރޭސިންނަށް ވެސް ވިސްނުނެވެ. އޭރު
އަލިމަނިކަކީ އެއަރމޯލްޑިވެސްގެ ވެސް ޖޮއިންޓް ޗެއަރމަނެވެ. ދެކުނު
އޭޝިއާގައި ފާހަގަކޮށްލެވޭ މަހުޖަނެކެވެ.
އިނގިރޭސިން ގަމުން ފޭބުމުގެ ދެމަސްކުރިން އަލިމަނިކު ލަންޑަނަށް ބުރެއް
އެޅުއްވިއެވެ. އެއީ 1976 ގެ ޖެނުއަރީީގައެވެ. އެފަހަރު އަލިމަނިކު
ދެއްކެވި އޮމާން ރީތި ވާހަކަފުޅުތަކުގައި އިނގިރޭސިން ރީއްޗަށް
ޖެހިއްޖެއެވެ. އެހެންކަމުން މިލިޓަރީ ސްކައިނެޓް ކޮމިނިކޭޝަން ސިސްޓަމާއި
ހަނގުރާމައިގެ ހަތިޔާރާއި މަތިންދާބޯޓު ފިޔަވައި އެހެން ހުރިހާ އެއްޗެއް
ގަމުގައި ބަހައްޓަން އިނގިރޭސިން އެއްބަސްވެއްޖެއެވެ. އެއީ
އިންޓަރނޭޝަނަލް އެއަރޕޯޓު ހެދުމާއި ޓޫރިޒަމް ތަރައްގީ ކުރުމަށް އަލި
މަނިކާއި ނާސިރުގެ ޕްލޭނަށް އިތުބާރުކޮށްފައެވެ. އަދި އެއީ
ބައިނަލްއަގުވާމީ މުޖުތަމައުގައި އިނގިރޭސިންގެ އަގު ހިފެހެއްޓުމުގެ ވެސް
ބޭނުމުގައެވެ.
ދިވެހި ސަރުކާރުން އޭރު ގަދަ އަޑުން ހާމަކުރަމުން ދިޔަ ޕޮލިސީއަކީ ވަކި
ގައުމެއްގެ ސަރުކާރަށް ގަން ނުދިނުމުގެ ޕޮލިސީ އެވެ. އެކަމަކު ބޭރުގެ
ކުންފުނިތަކަށް އޯކޭއެވެ. އިންވެސްޓަރުން ހޯދަން އޭރު ބޭރު ނޫސްތަކުގައި
އިއުލާން ކުރިކަމަށްވެއެވެ. އެކަމަކު މިކަމަށް އެއްވެސް ކުންފުންޏަކުން
ކުރިމައްޗެއް ނުލައެވެ. ކިރިޔާވެސް ޝައުގުވެރިކަން ފާޅުކުރީ ރޫސީންނާއި
ޗައިނާއިންނެވެ. އެވެސް އަސްކަރީ މަރުކަޒެއް ހެދުމަށެވެ.
ބެހެއްޓި މުދަލާއި އޭގެ ތަފްސީލު
ފެބްރުއަރީ 1976 ގައި މާލެއިން ދިވެހިންގެ ޓީމެއްގޮސް އިނގިރޭސިންގެ
ފަރާތުން ސަރުކާރަށް ލިބޭ މުދަލުގެ އިންވެންޓްރީ ނަގަން ފެށިއެވެ. އެ
އިންވެންޓްރީއާއެކު މިތަކެއްޗާއި ބެހޭ ގޮތުންވެސް އިނގިރޭސިން ވަރުގަދަ
އެގްރީމަންޓެއް ހެދިއެވެ. އޭގައި ބުނެފައި އޮތީ އިނގިރޭސިން ދޫކޮށްފައިދާ
އެއްވެސް އެއްޗެއް އެހެން ބަޔަކަށް ހިލޭ ދިނުން، ކުއްޔަށް ދިނުން ނުވަތަ
ވިއްކުން މަނާވާނެ ކަމަށެވެ. އަލި މަނިކު މީގައި ވެސް ސޮއި ކުރެއްވިއެވެ.
ގަމުގެ ތެޔޮ ޓޭންކުތައް ފުލްކޮށްފައި މަދުވެގެން އެއްމަހަށް
އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިންގޭވަރަށް ތެޔޮ ބެހެއްޓިއެވެ. ގަމުގެ
އިންޖީނުގެއިން ދެ އިންޖީނެއް ފިޔަވައި އެހެން ހުރިހާ އިންޖީނެއް
ބެހެއްޓިއެވެ. އެވަރަށް އިންޖީނު ހުރެގެން ސަރުކާރުގެ ޕްލޭނާ އެއްގޮތަށް
ގަން ހިންގަން ދައްޗެއް ނުވާނެއެވެ. އެއަރޕޯޓް ހިންގުމަށްޓަކައި ހުރިހާ
ލޭންޑިން ލައިޓްސް، އިންސްޓްރުމަންޓް ލޭންޑިން ސިސްޓަމާއިއެކު ހުރިހާ
ނެވިގޭޝަން އެއިޑެއް، އެޕްރޯޗް ރާޑަރ، ޕްރެސިޝަން އެޕްރޯޗް ރާޑަރ،
ނެވިގޭޝަން ޓެކްޓިކަލް އެއިޑް ސިސްޓަމް، ނޮން ޑައިރެކްޝަނަލް ބީކަން،
ގްރައުންޑް ޓު އެއަރ ކޮމިނިކޭޝަން ސިސްޓަމް، މިނި ކޮމިނިކޭޝަން ސިސްޓަމް
ތަކާއެކު ކޮމްޕްލީޓް ކޮންޓްރޯލް ޓަވަރ ބެހެއްޓިއެވެ.
މެޓް އޮފީހާއި އެއާ ގުޅޭ ތަކެތީގެ ތެރޭގައި ބެރޯމީޓަރުތަކާއި ކްލައުޑް
ސާޗް ލައިޓްތަކާއި ބެލޫނާއި އެއަށް ބޭނުންވާ ހައިޑްރޯޖަން ސަޕްލައިވެސް
ބެހެއްޓިއެވެ. މަތިންދާބޯޓަށް އަރައިފައިބާ ހަރުގަޑުތަކާއި ޕާކްކޮށްފައި
އޮންނަ މަތިންދާބޯޓުތަކަށް ބޭނުންވެދާނެ އެއަރކޮންޑިޝަނިން ސެޓުތައްވެސް
ބެހެއްޓިއެވެ. ގްރައުންޑް ޕަވަރ ސިސްޓަމް، އެއަރ ސްޓާރޓަރ، ބެގޭޖް ޓްރޮލީ
ވެހިކަލްތައް ހަދިޔާ ކުރިއެވެ. ގަމުގެ މުޅި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ
ހުރިގޮތަށް ހަދިޔާކުރިއެވެ. އެއީ ފަނަރަހާސް ކިއުބިކް ފޫޓުގެ
ކެޕޭސިޓީއެވެ. އެއީ މެދުސައިޒުގެ ބައިނަލްއަގުވާމީ އެއަރޕޯޓަކަށް ފުދި
އިތުރުވާ މިންވަރެކެވެ.
މާމެންދޫގައި ހުރި ޓަވަރުތަކާއި ގަމުގައި ހުރި ޓަވަރުތަކާއި މުވާސަލާތީ
ސާމާނު ވެސް ހަދިޔާކުރިއެވެ. އޭގެތެރޭގައި ތިރީސް ކިލޯވޮޓްގެ ރޭޓިންއަށް
ވާސިލްވެވޭ މާކޯނީ ސެޓެއްވެސް ހިމެނެއެވެ. ގަމުގެ އޮޓޮމެޓިކް ޓެލެފޯން
އެކްސްޗޭންޖް އާއި ސުވިޗްބޯޑު ހަދިޔާކުރިއެވެ. ރޭޑިއޯ ގަމުގެ މުޅި
މަރުކަޒު ހުރިގޮތަށް ހުރިހާ ސާމާނަކާއެކު ހަދިޔާކުރިއެވެ. މީގެ އިތުރުން
އެކި ސައިޒުގެ ވިއްސަކަށް ބޯޓާއި ލޯންޗުވެސް ހަދިޔާކުރިއެވެ.
އޭގެތެރޭގައި ސްޕީޑް ލޯންޗާއި ކޮޅުވެއްޓި އާއި ބަނޑުވެސް ހިމެނެއެވެ.
އެއްގަމު އުޅަނދުގެ ސާޅީހަކަށް އުޅަނދު ހަދިޔާކުރިއެވެ. އޭގެ ތެރޭގައި
ލޯރިއާއި ކާރާއި ތެޔޮ ޓޭންކަރާއި ފަޔަރ ލޯރި ހިމެނެއެވެ.
މި ހުރިހާ ތަކެތީގެ ތެރެއިން ފިކްސްޑް އެސެޓުގެ ޖުމްލަ އަގަކީ އޭރުގެ
އަގުން ނަމަ 10 މިލިއަން ސްޓާރލިން ޕައުންޑެވެ. އެއްތަނުން އަނެއް ތަނަށް
ގެންދެވޭ ނުވަތަ މޫވަބްލް އެސެޓްސްގެ ޖުމްލަ އަގަކީ ގާތްގަޑަކަށް ހަތަރު
މިލިއަން ސްޓާރލިން ޕައުންޑެވެ. މިތަކެތި ދޫކޮށްލުމުން އިނގިރޭސި
ޕާލަމެންޓުގައި ބޮޑުވަޒީރު ހެރަލްޑް ވިލްސަންގެ ސަރުކާރާ
ސުވާލުކުރުންވެސް އޮތެވެ. ޚާއްސަކޮށް ޖެއޮފްރީ ފިންސްބާގް ކިޔުނު
ކޮންޒަރވެޓިވް ޕާޓީގެ އެމްޕީއަކު ވަރަށް ކަންތައް ބޮޑުކުރެއްވިއެވެ. އޭރު
ވެރިކަމުގައި އޮތީ ލޭބަރ ޕާޓީއެވެ.
އައްޑޫ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުން
އިނގިރޭސިން ފައިބަން ކައިރިވީމާ ދެން އިނގިރޭސިން އުޅެގަތީ އައްޑޫ
ރައްޔިތުންނަށް މާހެޔޮ ބޮޑުވެގެންނެވެ. މިގޮތުން 1975 ގައި އައްޑޫ
ލޭބަރުންގެ މުސާރަތައް ދެފަހަރެއްގެ މަތިން ދެގުނަ ބޮޑުކުރިއެވެ.
ބޭނުމަކީ އައްޑޫ މީހުންގެ ހިތްހަމަޖެއްސުމެވެ. މީގެ އިތުރުން އަތޮޅުގެ
ރަށްރަށަށްވެސް ވަރަށް ގިނަކަންކަން ކޮށްދިނެވެ. ފާލަން ހަދައިދިނުމާއި
ކުޅިތަކުން ފެން ހިންދުމަށް ކޯރުތައް ކޮނެދިނުމާއި އިނގިރޭސިންގެ
ޓީމުތައް ރަށްރަށަށް ގޮސް ކުޑަކުދިންނަށް މެޓާ ބެހުން ފަދަ ކަންތައްވެސް
ގިނަ ކުރިއެވެ.
އެފަހަރު ދިވެހިން އެދުނު ކަންތައްތަކުގެ ތެރޭން ކޮށްނުދިނީ ފޭދޫ އާއި
ގަމާއި ދޭތެރޭ ފާލަން އެޅުމާއި ފުވައްމުލަކަށް ވަދެ ނިކުމެވޭނެ ރަގަޅު
ނެރެއް ހަދައިދިނުމެވެ.
އައްޑޫ ލޭބަރުންގެ މުސާރަ އެއް އަހަރުގެ ތެރޭގައި ދެ ގުނަ ބޮޑުކުރިއިރު
އޭގެ ކުރިން މިކަންކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އޮތީ
ކޮށްނުދީއެވެ. މުސާރަ ބޮޑުކުރަން ޖެހޭތޯ ބެލުމަށް އިނގިރޭސިންގެ ނިއަރ
އީސްޓް އެއަރފޯސް ކޮމާންޑުން ރިކުއެސްޓްކޮށްގެން ސައިޕްރައިސްއިން
ޓީމެއްގޮސް އަތޮޅު ކޮމިޓީގެ މެންބަރެއްގެ ހާޒިރުގައި ލޭބަރުންނާ
ސުވާލުކޮށް ސާވޭއެއް ވެސް އޮތީ ހެދިފައެވެ. އޭގައި ހިމެނުނީ ދިރިއުޅުމުގެ
ޚަރަދުތަކާއި އައްޑޫ ރައްޔިތުންގެ އޭރުގެ ލައިފްސްޓައިލްއެވެ.
ގަމުން ފޭބުމާއި ގަން ހަވާލުކުރުން
ދިވެހި ސަރުކާރާއި ގަން ހަވާލުކުރުމުގެ ރަސްމިއްޔާތަށް އިނގިރޭސިންގެ
ފަރާތުން ވަޑައިގެންނެވީ ސިލޯނާއި ރާއްޖެއަށް އޭރު ކަނޑައެޅިފައި
ހުންނެވި އިނގިރޭސި އާ ސަފީރު ޑީޕީ އެއަރސް އާއި އިނގިރޭސި އެމްބަސީގެ
ޑިފެންސް އެޓާޝޭ ލެފްޓިނަންޓް ކާނަލް އާރްޖީ ވުޑްހައުސް އެވެ. ދިވެހި
ދައުލަތުގެ ފަރާތުން ވަޑައިގެން ހުންނެވީ ނާއިބުރައީސް އަދި ކޮމާޝަލް
އެފެއާރޒް މިނިސްޓަރ ކޮލި އަލިމަނިކާއި އައްޑު އަތޮޅު އަތޮޅުވެރިޔާ މޫސާ
އަލި ދީދީއެވެ.
ގަން ހަވާލު ކުރުމުގެ ލިޔެކިޔުންތައް 29 މާޗް 1976 ގައި ކޮލި އަލި
މަނިކާއި ހަވާލު ކުރެއްވީ ގަމުގައި ތިބި އިނގިރޭސި ސިފައިންގެ އޭރުގެ
ކޮމާންޑަރު ގްރޫޕް ކެޕްޓަން އެޑްވަޑްސް އެވެ. އެ ރަސްމިއްޔާތުގައި
އިނގިރޭސި ދައުލަތުގެ ފަރާތުން ބޮޑުވަޒީރު ހެރަލްޑް ވިލްސަންގެ ޚާއްސަ
މެސެޖެއް ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އިއްވުނެވެ.
އެމެސެޖުގައިވެއެވެ. ގަމުގައި އިނގިރޭސި ސިފައިން ތިބި ނަވާރަ އަހަރުގެ
ތެރޭގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި
އެހީތެރިކަމަށް ޝުކުރު އަދާކުރަމެވެ. އިނގިރޭސި ދައުލަތުން އެދެނީ
ކުރިމަގުގައި ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަމެވެ.
ގަން ދިވެހި ސަރުކާރާ ހަވާލު ކުރިއެއްކަމަކު އިނގިރޭސި ސިފައިންގެ އެންމެ
ފަހު މީހާ ފުރީ އޭގެ ދެދުވަސް ފަހުން 31 މާޗް 1976 ގައެވެ. އެއަށްފަހު
ގަމުގައި ފަރަންޖީންނަކަށް ތިބީ ސިވިލިއަނުންގެ ތިން މީހެކެވެ. އެކަކީ
ހަމަހުގެ މުއްދަތަށް މުވާސަލާތީ ސާމާނު ބަލަހައްޓައިދޭން ފޮނުވި
ޓެކްނީޝަނެކެވެ. އަނެއް ދެމީހުންނަކީ ހޮސްޕިޓަލާއި ހަވާލުވުމަށް ފޮނުވި
ޑރ ވޮލްސްޓެންހޯމާއި އޭނާގެ އަންހެނުން އަދި ނަރުސް ޕެޓާ އެވެ.
ގަން ލޫޓުވައިލުން
ގަމުން އިނގިރޭސި ސިފައިން ހަމަ ފޭބުމާއެކު ވެވިފައިވާ އެއްބަސްވުންތައް
ހުރިތަނެއްގައި ބަހައްޓާފައި ގަން ލޫޓުވައިލުމުގެ މަސައްކަތް
ފެށިއްޖެއެވެ. އެމްވީ މެރިނަރު ކިޔާ އާގު ބޯޓަކާއި އެނޫންވެސް ބޯޓުތައް
ގަމަށް ފޮނުވައިގެން ނެގެން ހުރި ހުރިހާ މުދަލެއް ނަގައި ހުސްކުރިއެވެ.
ބައެއް ތަކެތި ގެންދިޔައީ ސީދާ ސިންގަޕޫރަށެވެ. އެއީ ރާޑަރާއި
ކޮމިނިކޭޝަން ސާމާނު ފަދަ ތަކެއްޗެކެވެ. އެތަކެތި ސިންގަޕޫރުގެ
ނީލަމުގައި ވިއްކައިލީ އެވެ. ދެން ހުރިތަކެތި ގެނައީ މާލެއަށެވެ.
މާލޭގައިވެސް ނީލަން ކިޔުން އޮތެވެ. އެނޫންތަކެތި ނާސިރުގެ ރިސޯޓުތަކަށް
ގެންދިޔައީއެވެ.
ގަން ދޮވެލުމުގެ މަސައްކަތް ފެށުމާއެކު 1976 ނިމުމުގެ ކުރިން ގަން މުޅިން
ހުސްވެއްޖެއެވެ. ހޮސްޕިޓަލްވެސް ތޮށިގަޑަކަށް ވުމުން އެތަނުގައި ތިބި
އިނގިރޭސި ޑޮކްޓަރާއި ނަރުސް ފުރައިގެން ހިގައްޖެއެވެ. މުވާސަލާތީ ސާމާނު
ހުސްވުމުން އިނގިރޭސި ޓެކްނީޝަން ވެސް ފުރައިގެން ހިގައްޖެއެވެ.
ގަމުގައި ހޮލިޑޭ ރިސޯޓެއް ހެދުމާއި އެއަރޕޯޓު އިންޓަރނޭޝަނަލް ކުރުމުގެ
ވާހަކަތަކަކީ އިނގިރޭސިންގެ ލޮލުގައި ނާސިރު އެޅުވި އަނދުނެއްކަން
ޔަގީންވެ އައްޑޫ ރައްޔިތުން ހަގީގީ މާނައެއްގައި ނިކަމެތިވެ ގޮތް
ހުސްވެއްޖެއެވެ. އައްޑޫ ދޫކޮށް ކިރިޔާވެސް ދެވެން ހުރި މީހަކު ވިއްޔާ
މާލެއަށް ހިޖުރަކުރަން ފެށީ އެހިސާބުންނެވެ. މައުމޫން އަބްދުލްގައްޔޫމް
1979 ގައި ވެރިކަމަށް ވަޑައިގެންނެވިއިރު ވާނެހައި އެއްޗެއް އޮތީ
ވެނިމިފައެވެ. މައުމޫނުވެސް އައްޑޫ ރައްޔިތުންނާ ދޭތެރޭ ވަކި ގާތްކަމެއް
ހަމްދަރުދީއެއް ނުބަހައްޓަވައެވެ. މައުމޫންވެސް ބެއްލެވީ ހާލަތުގެ ސިޔާސީ
ފައިދާ ނެންގެވުމަށެވެ.
އައްޑޫ ރައްޔިތުންނަށް ފޮނުވި ތިން މިލިއަން ޕައުންޑް
އިނގިރޭސިން ގަމުން ފޭބީ ދިވެހި ސަރުކާރުން އައްޑޫ ރައްޔިތުންގެ
ދިރިއުޅުން މުސީބާތަކަށް ވިޔަނުދޭނެކަމުގެ ޔަގީންކަން ހޯދުމަށްފަހު އެވެ.
އެހެންކަމަށްވިޔަސް އެފޭބުމެއް ފޭބިތާ އަހަރެއްވީއިރު އައްޑޫގައި އޮތީ
ހިތާމަޔާއި މުސީބަތް ފެތުރިފައެވެ. ބަލިމަޑުކަމާއި ހައިހޫނުކަން
ފެތުރިފައެވެ. މިމައްސަލާގައި އިނގިރޭސި ޕާލަމެންޓުގައި ބަހުސް ކުރެވި
އައްޑޫގައި އޭރު ތިބި ސަތާރަ ހާސް ރައްޔިތުންނަށް އެހީވުމަށްޓަކައި ތިން
މިލިއަން ޕައުންޑުގެ ޕެކޭޖެއް އިނގިރޭސި ދައުލަތުން އަނެއްކާވެސް ދިވެހި
ދައުލަތަށް ދީފިއެވެ. މިކަމެއް ކުރީ ގަމުން އިނގިރޭސިން ފޭބިތާ އަހަރެއް
ފަހުން 1977 ގައެވެ.
އިނގިރޭސި ނޫސް ސަންގައި އެދުވަސްވަރު ލިޔެފައިއޮތް ގޮތުން މި އެހީއަކީ
އައްޑޫގައި ކާރުޚާނާތަކެއް ގާއިމް ކުރުމާއި ޕަބްލިކް ސްކޫލްތަކެއް
ހެދުމާއި ހަސްފަތާލެއް ހެދުން ޝަރުތުކޮށްފައި ދެވުނު ފައިސާއެވެ.
އިނގިރޭސި އޯވަރސީސް ޑިވެލޮޕްމަންޓް މިނިސްޓްރީ މެދުވެރިވެގެން މިއެހީ
ދިނުމުގެ އަނެއް ޝަރުތަކީ އަނެއްކާވެސް ގަމުގައި ވަޒީފާތަކެއް
އުފެއްދުމެވެ. ކާރުޚާނާތައް ގާއިމްކުރާ ގޮތަށް އޮތީ ގަމުގައެވެ. ރައީސް
ނާސިރު މިކަމަށް އެއްބަސްވެވަޑައިގެން މި ފައިސާ ވެސް ހޯއްދެވިއެވެ.
އެކަން އޯވަރސީސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ލިޔުންތަކާއި އެދުވަސްވަރު
އިނގިިރޭސި ނޫސްތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުން ޔަގީންވެއެވެ.
އިނގިރޭސި ޕާލަމެންޓުގެ ބޭރުގެ އެހީއާ ބެހޭ ކޮމިޓީގެ ޗެއަރމަން ސަރ
ބާނަޑް ބްރެއިން 1977 ގައި ވިދާޅުވެފައިވަނީ އިނގިރޭސި އޯވަރސީސް
ޑިވެލޮޕްމަންޓު މިނިސްޓްރީގެ ވަފްދެއް މާލެ ގޮސް ދިވެހި ސަރުކާރާއި
ބައްދަލުކޮށް ތިނަ މިލިއަން ޕައުންޑްގެ އެހީ ބޭނުންކުރާނެ ގޮތަކާއި މެދު
އެއްބަސްވެވިފައިވާ ކަމަށެވެ.
މިހިސާބުން އުފެދޭ ސުވާލަކީ އިނގިރޭސިން ގަމުން ފޭބުމަށްފަހު އައްޑޫގެ
ހާލަތު ރަގަޅު ކުރުމަށް ދިވެހިސަރުކާރާއި ހަވާލު ކުރިކަމަށް ބުނާ ތިން
މިލިއަން ޕައުންޑް ކޮބައި ހެއްޔެވެ. އެފައިސާ ދިޔައީ ކޮން މަގަކުން
ހެއްޔެވެ. ހަމަޔަގީނުންވެސް އެގޭ އެއްޗަކީ އޭގެ ތެރެއިން އެންމެ ސެންޓެއް
ވިޔަސް އައްޑޫގެ ތަރައްގީއަށްޓަކައި ހޭދަ ނުކުރެވޭ ކަމެވެ. ގަމުގައި
އިނގިރޭސިން ބަހައްޓާފައި ދިޔަހާ މުދާ ނީލަމުގައި ވިއްކައިގެން ލިބުނު
ކަމަށް އަންދާޒާ ކުރެވޭ ހަތަރު މިލިއަން ޕައުންޑުވެސް ދިޔަތާކަށް ފަހުން
ލިބުނު ތިން މިލިއަން ޕައުންޑް ވެސް ގޮސް އަވަދިވެއްޖެއެވެ.
ލިޔުން ނިންމައިލުން
މަތީގައި ބަޔާން ކުރެވިފައި އެވަނީ ނާސިރާއި ނާސިރުގެ ސަރުކާރުން ކަން
ކުރިގޮތެވެ. މިއީ ޖަރީކުރެވިފައިވާ ދިވެހި ރަސްމީ ތާރީޚުގައި
ލިޔެވިފައިވާ ވާހަކަތަކެއް ނޫނެވެ. މިއީ ބަޔަކަށް ލިޔަން ކެރުނު
ވާހަކަތަކެއްވެސް ނޫނެވެ. ނާސިރަށް ހައްގުވެގެންވަނީ ކޮންކަހަލަ
އެވޯޑެއްކަން މިލިޔުން ވިދާޅުވުމަށް ފަހު ތިޔަ ބޭފުޅުންނަށް
ނިންމެވިދާނެއެވެ. ހަމަގައިމުވެސް މިއީ މާލޭގެ ޓީވީ ސްޓޭޝަންތަކަށް
އަރާވަޑައިގެން ކަރަންކާ އިބްރާހިމް ރަޝީދާއި އަބްދުއްސައްތާރު މޫސާ ދީދީ
އާއި ނަސީމާ މުހައްމަދު ކަލޭގެފާނު ފަދަ ބޭފުޅުން ދައްކަވާނެ
ވާހަކަތަކެއް ނޫނެވެ. އެބޭފުޅުން ވިދާޅުނުވިޔަސް ތާރީޚު ވަނީ ހަމަ
ތާރީޚަށެވެ.
ނޯޓް: މި ލިއުމަކީ www.meedhoo.com އިން "އައްޑޫލައިވް"ގެ ކިއުންތެރިންނަށް ގެނެސްދީފައިވާ ލިއުމެކެވެ.