Last Updated: April 22, 10:37
Tuesday, April 22, 2025
ޚަބަރު

ފެން ހިންދައި މާލެ އާންމު ހާލަތަކަށް

އިއްޔެ އިން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވި، ރާއްޖޭގެ ވެރިރަށް މާލެ މިއަދު އާންމު ހާލަތަކަށް ގެނެސްފި އެވެ.

އެމްއެންޑީއެފުން ބުނީ މަގުތަކުން ފެން ހިންދައި މިހާރު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އިއްޔެ ހެނދުނު 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުން މާލޭގެ މަގުތަކުން ފެން ހިންދައި ނިންމައިލެވުނީ މިއަދު ހެނދުނު 08:30 ހާއިރު އެވެ.

އެމްއެންޑީފުން ބުނި ގޮތުގައި މި މަސައްކަތުގެ ތެރޭގައި 30،569 ޓަނުގެ ފެން ހިންދާފައިވެ އެވެ. މާލެ އަށް އިއްޔެ 162 މިލިމީޓަރު، އަދި ހުޅުމާލެ އަށް 164 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އެންމެ ބޯކޮށް ވެހިފައި ވަނީ އިއްޔެ ހަވީރު އެވެ.

މާލޭގެ އިތުރުންވ ވިއްސާރަގައި ފެންބޮޑުވި ގިނަ ރަށްތަކެއް ވެސް މިހާރު އާންމު ހާލަތަަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ވެސް ފެން ވަދެ، ބައެއް މީހުން ވަގުތީ ހިޔާތަކަށް ވެސް ބަދަލު ކުރަން ޖެހުނެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނީ މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށެވެ. އޭގެ ތެރެއިން 53 ގެއެއްގެ ރެޕިޑް އެސެސްމަންޓް ހަދާފައިވާ އިރު، 36 ގޭބިސީގެ 226 މީހުންނަށްވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށް ދޭން ޖެހުނެވެ.

މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ.