އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ޗެލްސީ އެއްވަރުވިއިރު، މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ޗެލްސީން ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވިއިރު، ބްރައިޓަން ދަނޑުގައި އާސެނަލް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސިޓީން މޮޅުވީ އަމިއްލަ ދަނޑުގައި 4-1 އިން ވެސްޓްހަމް ޔުނައިޓެޑް އަތުންނެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 20 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.
ފަސް ވަނައިގައި 20 މެޗުން 35 ޕޮއިންޓް ހޯދައިގެން ނިއުކާސަލް ޔުނައިޓެޑް އޮތްއިރު، ސިޓީ އަށް ހަ ވަނަ ލިބެނީ 20 މެޗުން 34 ޕޮއިންޓާ އެކު އެވެ.
އާސެނަލުން 17 އަހަރުގެ އީތަން ންވަނޭރީގެ ގޯލުން ފުރަތަމަ ހާފުގައި ލީޑުނެގިއިރު، ދެ ވަނަ ހާފުގައި ބްރައިޓަން އިން އެއްވަރުކުރީ ޖޮއާއޯ ޕެޑްރޯ ޖެހި ޕެނަލްޓީންނެވެ. މިއީ، އާސެނަލްގެ ސަލީބާ އޭރިއާތެރެއިން ޖޮއާއޯ ޕެޑްރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ޗެލްސީން ކޯލް ޕާމާގެ ގޯލުން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް، ޖިއަން ފިލީޕް މަޓޭޓާ ޖެހި ގޯލުން ޕެލެސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ލީގުގައި ޗެލްސީން މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ހަތަރުވަނަ މެޗެވެ.
ވެސްޓްހަމްގެ މައްޗަށް ކުރި ހޯދި މެޗުގައި ސިޓީން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. ސިޓީގެ އެއް ގޯލަކީ ވެސްޓްހަމްގެ ޑިފެންޑަރު ސޯފަލް އަތުން ބައިކޮޅަށް ވަތް ގޯލެއް ކަމަށްވާއިރު، އެޓީމުގެ އަނެއް ގޯލު ކާމިޔާބުކުރީ ފިލް ފޮޑެން އެވެ. ވެސްޓްހަލްގެ ގޯލު ކާމިޔާބުކުރީ ނިކްލަސް ފުލްކްރޫގް އެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން، ސިޓީން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.