ދުނިޔޭގެ ދެކުނު ތަނޑިއަށް ޒިޔާރަތް ކުރެއްވި އެމެރިކާ ބައްރުގެ ފުރަތަމަ ރައީސްގެ ޝަރަފު ޗިލީގެ ރައީސް ގެބްރިއަލް ބޮރިކް ހޯއްދަވައިފި އެވެ.
ބޮޑު ޓީމަކާ އެކީ ކުރެއްވި އެ ޒިޔާރަތުގައި ސައުތު ޕޯލްގައި ގާއިމުކޮށްފައިވާ އެމަންޑްސެން-ސްކޮޓް ސައުތު ޕޯސް ސްޓޭޝަނަށް ވެސް ރައިސާއި ޓީމް ޒިޔާރަތްކުރެއްވި އެވެ. މި ތާރީހީ ދަތުރުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއި ޗިލީގެ ސައިންޓިސްޓުންތަކެއް ހިމެނިވަޑައިގަނެ އެވެ.
ދުނިޔޭގެ ދެކުނު ތަނޑި އަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ރައީސް ވިދާޅުވީ މިއީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށާއި މިކަމުން ދައްކުވައި ދެނީ އެންޓާޓިކް މިޝަނަށް ޗިލީން ދޭ ސަމާލުކަން ކަމަށެވެ. މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ވެސް ތިމާވެށީގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، ކްލައިމެޓް ޗޭންޖްގެ ސަބަބުން އަންނަ ބަދަލުތަކާ ގުޅުން ހުރި ކަންކަން އިތުރަށް ދެނެގަތުމެވެ.
ޗިލީ ސަރުކާރުން ބުނެފައި ވަނީ އެންޓާކްޓިކަށް އޮތް ގޭޓްވޭ އަކީ ޗިލީ ކަމަށާއި ރައީސްގެ ޒިޔާރަތުން ވެސް އެކަން ސާބިތުކޮށް ދީފައިވާ ކަމަށެވެ.
ޗިލީގެ މިހާރުގެ ރައީސް ބޮރިކް އަކީ އެ ގައުމުގެ ތާރީހުގައި ވެސް ވެރިކަަމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާ އެވެ. ދެހާސް ބާވީހުގައި ވެރިކަމަށް ވަޑައިގެންމެވި ބޮރިކަށް މިހާރު 38 އެވެ. އޭނަ އަކީ ޗިލީގެ 37 ވަނަ ރައީސެވެ.
މީގެ ކުރިން ދުނިޔޭގެ ދެކުނު ތަނޑި އަށް ޒިޔާރަތް ކުރެއްވި ގައުމުތަކުގެ ވެރިންނަކީ ނިއު ޒީލޭންޑްގެ ބޮޑުވަޒީރާއި ނޯވޭގެ ބޮޑުވަޒީރެވެ.