Last Updated: February 5, 09:37
Wednesday, February 5, 2025
ދުނިޔެ

އިޒްރޭލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާ އިން އިޒްރޭލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިހާރުގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސް ދޫކޮށްލައްވަން ކުޑަަތަވަމުން ދަނިކޮށް އިޒްރޭލަށް އެކި ބާވަތުގެ ގިނަ ހަތިޔާރު އެމެރިކާ އިން ވިއްކަން ނިންމައި އެކަން މިހާރު ސްޓޭޓް ޑިޕާޓްމަންޓުން ކޮންގްރެސް އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް އިޒްރޭލަށް ދެ ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަން އެމެރިކާ އިން ނިންމިފި އެވެ. އެ ފަހަރު ވިއްކަން ނިންމި ތަކެތީގެ ތެރޭގައި ފައިޓަރު ޖެޓާއި އެ ނޫން ވެސް އަސްކަރީ އެތައް އާލާތެއް ހިމެނެ އެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުންދާ އިރު، މިކަމަށް އެންމެ ބޮޑަށް ވާގިދީ، އެހީތެރިވަމުންދާ ގައުމަކީ އެމެރިކާ އެވެ. އެ ގައުމުން ބުނާ ގޮތުގައި އިޒްރޭލުން ކުރަމުންދާ މަސައްކަތަކީ ހަމާސްގެ ހަމަލާތަކުން ގައުމު ދިފާއުކުރުމެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 50،000 އެއްހާ މީހުން ޝަހީދުކޮށްލާފައިވާ އިރު، އެ ގައުމު އޮތީ މި އަނިޔާވެރިކަމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އޭނަ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާ ހުއްޓުވާނެ އެވެ. ޓްރަމްޕް ހުވާކުރައްވާނީ މި މަހުގެ 20 ގަ އެވެ.