Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

ޗައިނާގައި ފެތުރެމުންދާ ބަލިތައް މޮނީޓާ އެބަކުރަން: އެޗްޕީއޭ

ޗައިނާގައި މިދުވަސްވަރު ފެތުރެމުންދާ ނޭވާލާ ނިޒާމުގެ ބަލިތައް މޮނީޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ ހެލްތު މިނިސްޓްރީން މިއަދު ބުނީ ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެއް ކަމަށާއި މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާ ކަމަށްވާއިރު، މީގެ އިތުރުން އާރްއެސްވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ގައުމުތަކުގައި އާންމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް މިހާލަތާ ގުޅިގެން ޗައިނާގައި އިމަޖެންސީ އިއުލާނުކޮށްފައި ނުވާ ކަމަށެވެ.

އެޗްޕީއޭ އިން މިހާލަތު މޮނީޓާ ކުރަމުންދާ ކަމަށާއި މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައި ވެސް އިތުރުވެދާނެކަމަށް ލަފާ ކުރެވޭއިރު، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފައިވެ އެވެ.