މިއަހަރަކީ އެއް އަހަރެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްތައް ހިނގާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. ގުޅީ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއު އަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެއް ސަރަހައްދުން އެންމެ ބޮޑު ހައްލު އަންނާނެ އެއް މަޝްރޫރު ކަމަށާއި އެ މަސައްކަތުގެ ސްޕީޑު ތިން ގުނައަށް ބާރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަޝްރޫއު އަކީ އިގްތިސާދީ ގޮތުން ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ މަޝްރޫއެއް ކަމަށާއި އެއީ މާލެ ސަރަހައްދަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރަކީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށާއި އެގޮތުން ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް މި މަސްތެރޭގައި އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިއަހަރު ވެގެންދާނީ ގެދޮރުގެ މައްސަލަ ހައްލުކުރުމުގައި އަމަލީ ގޮތުން، އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ބިން ހިއްކުމާއި އަދި ބިން ހިއްކައި ޖާގަ އިތުރުކުރެވިފައިވާ ރަށްތަކުގައި ވެސް މި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ މުސްތަގުބަލާއި މެދު އުއްމީދީ ގޮތެއްގައި ރައްޔިތުން ވިސްނުން ގެންގުޅުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.