މި މަހު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ފިލްމު "އާޒާދު" އިން ބޮލީވުޑަށް ތައާރަފުކުރާ، ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ ފިލްމުގެ ލަވައެއްގައި ދައްކައިލި ހުނަރާ އެކީ ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފި އެވެ.
ފިލްމުގެ ލަވަތަކުގެ ތެރެއިން އާންމުކުރި ތިން ވަނަ ލަވަ "އުުއި އައްމާ" ލަވައިގައި 20 އަހަރުގެ ބަތަލާ ފެންނަނީ ގިނަ އަދަދެއްގެ ބެކްޑާންސަރުންތަކަކާ އެކީ ވަރަށް ފޯރީގައި ނަށާ ތަނެެވެ. ރަސްޓިކް ސެޓިންއެއްގައި ޝޫޓްކޮށްފައިވާ މި ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ބޮސްކޯ-މާޓިން އެވެ.
ލަވައިގައި ރަޝާ ދައްކުވައި ދީފައި ނެށުމާއި އޭނަގެ މޫނުމައްޗަށް ގެންނަ އެކްސްޕްރެޝަންތަކުން ވަރަށް މޮޅު ބަތަލާއަކަށްވާނެކަމުގެ އުންމީދު ބޮޑު ކަމަށް ލަވަ އަށް ޔޫޓިއުބްގައި ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. ގިނަ މީހުން ބުނެފައި ވަނީ "އުއި އައްމާ" ލަވަ ބަލަލައިމުން މިއީ ރަޝާގެ ފުރަތަމަ ފިލްމުން ދައްކައިލި ހުނަރޭ ބުނާ ވަރަށް ވުރެ އޭނަ މޮޅެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ޒުވާން ބަތަލާގެ ހިތްގައިމު ނެށުމާއި މޫނުމައްޗަށް ގެންނަ ކުލަވަރުތަކުން ހަނދާންކޮށް ދެނީ ކެޓްރީނާ ކައިފް ކަމަށެވެ.
މީގެ އިތުރުން ބައެއް މީހުން ބުނީ ރަޝާގެ މަންމަ ރަވީނާ އަކީ ވެސް މޮޅު ބަތަލާއެއްކަމުން ދަރިފުޅުގެ ކިބައިގައި ވެސް އެ ހުނަރާއި ސްޓާ ކޮލިޓީ އެބަހުރިކަން ސާބިތުވެއްޖެ ކަމަށެވެ. ރަވީނާ އަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދި އެއް ބަތަލާ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރަވީނާގެ ފިލްމުތަކުގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ލަވަ އަކީ 1994 ގެ ފިލްމު "މޮހްރާ" ގެ "ޓިޕް ޓިޕް ބަރުސާ ޕާނީ" އެވެ.
ރަވީނާ އާއި އަކްޝޭ ކުމާރުގެ ގައިގޯޅި ނެށުންތަކެއް ފެންނަ އެ ލަވަ އަކީ ބޮލީވުޑްގެ ވާރޭތެރޭގެ ލަވަތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ލަވަ އެވެ.
ކޮންމެއަކަސް "އާޒާދު" އާ މެދު ގިނަ ބަޔަކު މިހާރު ކުރާ އުންމީދަކީ ރަވީނާ ފަދައިން ދަރިފުޅު، ރަޝާ ވެސް ވަރަށް ވިދައިލާނެ ބަތަލާއަކަށްވާނެ ކަމަށެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ގަ އެވެ.
"އާޒާދު" ގަައި ރަޝާއާ އެކު ފެންނާނީ ވެސް އަލަށް ތައާރަފުކުރާ އެކްޓަރެކެވެ. އެއީ "އުއީ އައްމާ" ލަވައިން ވެސް ފެންނަ އާމަން ދޭވްގަނެވެ. އޭނަ އަކީ "އާޒާދު" ގެ ރޯލެއް ވެސް ކުޅެފައިވާ އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ އެކްޓަރެކެވެ.
މި ފިިލްމަކީ އަބީޝެކް ކަޕޫރްގެ ޑައިރެކްޝަނެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރާ އެކީ 2021 ގައި ގެނެސްދިން "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.