Last Updated: February 5, 11:54
Wednesday, February 5, 2025
ރިޕޯޓް

ގޭގެއަށް ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގޯތިގެދޮރަކީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވާފައިވާ ތަންތަނެވެ. އެ ތަންތަނަށް ވަނުމުގައި ޚާއްޞަ ޝަރުޢީ އަދަބުތަކެއްވެ އެވެ. އަޅުގަނޑުމުންގެ މުޖުތަމަޢުގައި ބައެއް ރަށްފުށު ހިސާބުތަކުގައި އެއްބަޔަކު އަނެއްބަޔެއްގެ ގެއަށް ހުއްދަ ނެތި ވަނުން އެއީ ގާތްކަމެއް ކަމުގައި ދެކެވުނަސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި ވަރަށް ވެސް ބޮޑު ފަސާދައެކެވެ. ގެއެއްގެ ދޮރުގެ ގޮތުގައި ފޮތިގަނޑެއްދަމާފައި ހުރިނަމަވެސް އެގެއަކަށް ހުއްދަނުހޯދާ ވަދެގެން ނުވާނެ އެވެ.

“ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ:

﴿ يَا أَيُّهَا الَّذِينَ آمَنُوا لا تَدْخُلُوا بُيُوتاً غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ (٢٧) فَإِنْ لَمْ تَجِدُوا فِيهَا أَحَداً فَلا تَدْخُلُوهَا حَتَّى يُؤْذَنَ لَكُمْ وَإِنْ قِيلَ لَكُمْ ارْجِعُوا فَارْجِعُوا هُوَ أَزْكَى لَكُمْ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ (٢٨) ﴾ (سورة النور ٢٧ ، ٢٨)

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމްކޮށް އިޛުނަ ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އެއީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. ފަހެ އެގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް އިޛުނަ ދެވިއްޖައުމަށްދާންދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ ތިޔަބައިމީހުން އެނބުރި ދާށެވެ. އެގޮތް ތިޔަބައިމީހުންނަށް ޠާހިރުކަންބޮޑެވެ. ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

(އަދިވެސް) ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ:

﴿ …وَلَيْسَ الْبِرُّ بِأَنْ تَأْتُوا الْبُيُوتَ مِنْ ظُهُورِهَا وَلَكِنَّ الْبِرَّ مَنْ اتَّقَى وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ ﴾ (سورة البقرة ١٨٩)

މާނައީ: “…އަދި ގޭގޭގެ ފުރަގަހުން ވަދެއުޅުން އެއީ ހެޔޮކަމެއް ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ ﷲ އަށް ތަޤުވާވެރިވެއްޖެ މީހާއެވެ. އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ޠަޤުވާވެރިވާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.”

ނަބިއްޔާ صلى الله عليه وسلم ގެއަކަށް ވެދެވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަންނަވާއިރު، އެކަލޭގެފާނު ސަލާމާއިއެކު ތިން ފަހަރު ޓަކި ޖައްސަވައެވެ. އަދި އެއްޗެއް ވިދާޅުވާނަމަ ތިން ފަހަރު ތަކުރާރު ކުރައްވައެވެ.

އެކަލޭގެފާނުގެ ގެކޮޅާ ހަމައަށް ވަޑައިގެންނެވި ހިނދު، އިބްނު މަސްޢޫދު رضي الله عنه ގެ އަނބިކަނބަލުން ޒައިނަބް ވަޑައިގެން ވަދެވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. މިއީ ޒައިނަބެވެ.” އެކަލޭގެފާނު އެއްސެވިއެވެ. “ކޮން ޒައިނަބެއް ހެއްޔެވެ؟” ޖަވާބުގައި އެއީ އިބްނު މަސްޢޫދުގެ އަނބިކަނބަލުން ކަމުގައި ދެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. “އެކަމަނާއަށް ވަނުމުގެ ހުއްދަ ދެއްވާށެވެ.” ދެން އެކަމަނާއަށް ހުއްދަދެވުނެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: “…އަދި (އަންހެނަކު) އޭނާގެ (ފިރިމީހާގެ) ހުއްދަނެތި އެއްވެސް މީހަކު އޭނާގެ (ފިރިމީހާގެ) ގެއަށް ވައްދައިގެން ނުވާނެއެވެ…” [رواه البخاري / كتاب النكاح / باب: لاَ تَأْذَنِ المَرْأَةُ فِي بَيْتِ زَوْجِهَا لِأَحَدٍ إِلَّا بِإِذْنِهِ ، ومسلم]

އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ވިދާޅުވިއެވެ. އަބޫ މޫސާ رضي الله عنه ބިރުގެންފައި ހުރިޙާލު ވަޑައިގެން ދެންނެވިއެވެ: “ތިމަންކަލޭގެފާނު ޢުމަރު رضي الله عنه ގެ ގެކޮޅަށް ވަނުމުގެ ހުއްދައަށް ތިން ފަހަރު އެދުނީމެވެ. ނަމަވެސް ހުއްދައެއް ނުލިބުނެވެ. އެހެންވެ އެނބުރި އައީއެވެ.”

(ޢުމަރު رضي الله عنه އަށް މިކަން އެނގިވަޑޑައިގެންނެވުމުން) އެކަލޭގެފާނު އަބޫ މޫސާއަށް ދެންނެވިއެވެ: “ކަލޭގެފާނު ނުވަނީ ކީއްވެގެންތޯއެވެ؟” އަބޫ މޫސާ ޖަވާބުގައި ދެންނެވިއެވެ: “ތިމަންކަލޭގެފާނު ތިންފަހަރު ހުއްދައަށް އެދުނީމެވެ. ނަމަވެސް ހުއްދަ ނުލިބުން އެނބުރި އައީއެވެ. އެހެނީ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ: ‘އެއްވެސް މީހަކު ތިންފަހަރު ވަނުމުގެ ހުއްދައަށް އެދި ހުއްދަ ނުލިބިއްޖެނަމަ، ދެން އެމީހަކު އެނބުރި ދާށެވެ.’ “

ޢުމަރު رضي الله عنه ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. އަހަރެމެން އަބޫ މޫސާގެ އަރިހުން މިކަމަށް ހެކިވެރިއެއް ގެނައުމަށް އެދޭނަމެވެ.” (އަންޞާރުން އެއްވެ ތިބި ޖަމާޢަތަކަށް އަބޫ މޫސާ رضي الله عنه ވަޑައިގެން ދެންނެވިއެވެ.) :“ނަބިއްޔާގެ އަރިހުން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު މިފަދައިން އަޑުއެހިން ހެއްޔެވެ؟” އުބައްޔު ބިން ކަޢުބު رضي الله عنه ދެންނެވިއެވެ: “ﷲ ގަންދީ ބުނަމެވެ. (ހެއްކިވެރިއެއްގެ ގޮތުގައި) ތިޔަބައިމީހުންގެ ތެރެއިން އެންމެ ހަގު މީހަކު މެނުވީ ނުދާނެއެވެ.” އެބައިމީހުންގެ ތެރެއިން އެންމެ ހަގު މީހަކަށް ހުރީ (އަބޫ ސަޢީދެވެ.) އެހެންކަމުން އެކަލޭގެފާނު ޢުމަރު رضي الله عنه ގެ އަރިހަށް ވަޑައިގެން ނަބިއްޔާ صلى الله عليه وسلم އެފަދައިން ޙަދީޘް ކުރެއްވެވި ކަމަށް ޚަބަރު ދެއްވެވި އެވެ.

މަސްދަރު: ދިސަލަފިއްޔާ