Last Updated: January 7, 16:08
Tuesday, January 7, 2025
ޚަބަރު

މިއީ މުއްސަނދިކަން އިހުސާސްކޮށްދޭން މަސައްކަތް ފަށާނެ އަހަރު

މިއީ ރައްޔިތުންނަށް މުއްސަނދިކަން އިހުސާސްކޮށްދޭން އަމަލީ މަސައްކަތްތައް ފަށާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކ. ގުޅީ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރަކީ ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ އަދި ކުޅިވަރާއި، އެކިކަހަލަ ސޯޝަލް ދާއިރާތަކުން، ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް އަދި އިޤްތިޞާދީ ދާއިރާތަކުންވެސް ޢަމަލީގޮތުން ތަރައްޤީ ރައްޔިތުންނަށް ގެނެސްދޭން ވަރަށްގިނަ މަސައްކަތްތަކެއް ހިނގަން ފަށާނެ އަހަރަކަށްވާނެ ކަމަށެވެ.

އަދި އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގައި މިދިޔަ އަހަރު މި ކުރެވުނު މަސައްކަތުގެ، އެ ބިންގަލުގެ މަތީގައި އިތުރު ހަރުފަތްތަކެއް ގިރާކޮށް، ރައްޔިތުންނަށް އޭގެ ހެވާއި ލާބަ މިއަހަރު އިހުސާސްކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ފައިސާ ނުދީ ހުރި ބިލްތަކަށް ފައިސާ ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދެ މަސްތެރޭ ވީހާވެސް ގިނަ ބަޔަކަށް ފައިސާދީ، އަތްމަތި ތަނަވަސްކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ތަރައްޤީގެ ޢަމަލީ މަސައްކަތާއި، މުއްސަނދިކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އިޙްސާސްކޮށްދިނުމުގެ ޢަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ވަރަށް ފުޅާ ދާއިރާއެއްގައި، ވަރަށް ބާރަށް ހިނގާނެ އަހަރެއް މި އަހަރަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިގޮތުގައި ކުރިއަށްދާއިރު އެމަނިކުފާނަށް އެންމެ މުހިއްމީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ތެރޭގައި ހުރި އެކިއެކި މައްސަލަތަކަށް ދާއިމީ ޙައްލުތަކެއްވެސް އަންނަގޮތަށް ތަރައްޤީގެ ކަންކަން ބައްޓަންކުރުން ކަމަށް ވިދާޅުވެފަ އެވެ.