ރާއްޖެއަކީ މިހާރު މިނިވަން ގައުމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގައި މިއީ މިނިވަން ގައުމެއް ކަމަށް ބުނި ނަމަވެސް، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށާއި، މިނިވަން ނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށެވެ.
"މިތަނަކީ މިނިވަން ގައުމެކޭ ބުނެވިދާނެ. އެކަމަކު މިއީކީ މިނިވަން ގައުމަކަށް މިހާރު ނުވޭ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ފަރާތުން ހުރިހާ ކަންކަމެއްގެ މައްޗަށް ފަތްތޫރައެއް ނުހިނގާ ކަމަށާއި އެކަންކަން ކޮންޓްރޯލް ކުރަނީ އިންޑިއާ އިން ކަމަށް ތުހުމަތުކޮށް، ޔާމީން ވަނީ މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
މި ޖަލްސާގައި ޔާމީން ވަނީ ކުރީ ސަރުކާރު ދުވަސްވަރު، އޭރު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނާއި ފެޔަށް ޖެހިވަޑައިގަތުމަށް، މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ.
ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެށި ކެމްޕޭނެއް ކަމަށާއި އެ ކެމްޕޭނުގައި މި ސަރުކާރުގައި ތިބި އިސް ފަރާތްތަކުން އޭރު ބައިވެރިވީ މަޖުބޫރު ކަމެއް ނެތި ކަމަށެވެ. އަދި މިއަދު މި ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. މިފަދަ ކަންކަމުން ހާމަވެގެންދިޔައީ ދިވެހި ހާރިޖީ ސިޔާސަތުގެ އެއްވެސް ހަރުދަނާ ނެތްކަން ކަމަށްވެސް ވިދާޅުވި އެވެ.