ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު މަރުވި މައްސަލައަކާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ ދެ ފުލުހެއެއްގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އެ ދެ މީހުންނަށް ދައުވާކޮށް ދޭން އެދި ފޮނުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު، 2 ގައި މަރުވި އާދަމް އަތުހަރު، 32، ގެ މަރާ ގުޅިގެންނެވެ.
އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން މަރުވަންދެން ފުލުހުން އަމަލުކުރި ގޮތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގުކޮށްފައިވެ އެވެ.
އެ ކޮމިޝަނުން އެ މައްސަލަ ޕީޖީ އަސް ފޮނުވިކަން ކަށަވަރުކޮށް ދިން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައިގަ އެވެ. އެ އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން އަތުހަރުގެ ބޮލުގައި މުގުރިއަކުން ޖެހުމުން ބޯ ވަރަށް ބޮޑަށް ޒަހަމްވި އެވެ.
އެ ހާދިސާއާ ގުޅިގެން ކަސްޓޯޑިއަލްއަށް އަތުހަރު ފުރަތަމަ ގެންދިޔައީ މިދިޔަ އޮގަސްޓު 30 ގަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓު ކުރީ ހަމަ އެ ދުވަހު ހަވީރެވެ. އޭގެ ފަހުން އަތުހަރަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ އޯގަސްޓު 31، ގަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫދިނު އަށް ގެންގޮސްފައި ވަނީ ވެސް އެ ދުވަހު އެވެ.
ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ސެޕްޓެމްބަރު 1، ގަ އެވެ. އެއާއެކު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ސެޕްޓެމްބަރު 2 ގަ އެވެ.