ބަތަލާ ކަންގަނާ ރަނާވަތުގެ އާ ފިލްމު "އިމަޖެންސީ" ގެ އާ ޓްރެއިިލާއެއް މިއަދު ދައްކާލައިފި އެވެ.
މި މަހުގެ 17 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ މަސްރަހު ހޫނުވެ، ގައުމު ހަލަބޮލިވެ އިއުލާންކުރި ކުއްލި ހާލަތަށް ބިނާކޮށް ހަދާފައިވާ ބައޮގްރަފިކަލް ޕޮލިޓިކަލް ޑްރާމާއެވެ.
ޒީ ސްޓޫޑިއޯސްއާ ގުޅިގެން ކަންގަނާ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކުރި "އިމަޖެންސީ" ގައި އޭނަ ކުޅެފައި ވަނީ އިންދިރާގެ ރޯލެވެ. މި ފިލްމަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ޑައިރެކްޓްކޮށް، ކުޅުނު ދެވަނަ ފިލްމެވެ. ފުރަަމަ ފިލްމަކީ ހަތަރު ވަނަ ނެޝަނަލް އެވޯޑް ވެސް ލިބުނު 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އިމަޖެންސީ" ގެ ކާސްޓްގައި އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، ޝްރެޔަސް ތަލްޕަޅޭ، މިލިންދު ސޯމަން، ވިޝާލް ނައިރް އަދި މަރުވެފައިވާ އެކްޓަރު ސަތިޝް ކޯޝިކް ހިމެނެ އެވެ.
ރިލީޒްކުރި އެކި ސަބަބުތަކާ ހެދިު ލަސްވެގެން ގޮސްފައިވާ ފިލްމާ އެއް ދުވަހެއްގައި ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އެކްޝަން އެޑްވެންޗާ "އާޒާދު" ވެސް ރިލީޒްކުރާނެ އެވެ. ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން ތައާރަފުކުރާ އެ ފިލްމުން އަޖޭ ވެސް ފެންނާނެ އެވެ.